މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން 11 އަހަރު ފަހުން އިސްލާހުކުރި ”ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު“ ގިނަ މީޑިއާތަކުން އެންޑޯސްކޮށް ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގަ އެވެ. މި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ވަނީ ބައިވެރިވެފަ އެވެ.

Ad
rt

މިއީ ދިވެހި މީޑިއާއިން ޢަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން، އެކުލަވައިލާފައިވާ "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އެވެ.

ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަޚްލާޤީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެ އެވެ. ޚަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސް މިންގަޑެކެވެ.

ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށެވެ.

ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތަށްކަމަށް "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގައި ބަޔާންކޮށްފައިވަނީ އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ. އަދި އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުމާއި ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުމާއި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން ވެސް ހިމެނެ އެވެ.

މިއަދު މި ސޮއިކުރެވުނު "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެމީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލަން ޖެހޭނެ އެވެ.

މީޑިއާ ކައުންސިލުން އެދިފައިވަނީ ހުރިހާ މީޑިއާތަކުން "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އެއްގޮތްވާ ގޮތުގެ މަތިން ހަބަރު ފެތުރުމަށެވެ.