އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގާ މައުލޫމާތު ދެއްވަމުން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފުލުހުން ތަހުގީގަށް ދިޔައިރުވެސް ޝިއާއުގެ މަރުގެ ތުހުމަތު ކުރެވޭ މީހާ އަލީ ޝާހިލް އެތަނުގައި ހުރިކަމަށާއި އޭނާ އެރޭ ހައްޔަރުކުރިކަމަށެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން ބޮޑެތި އަނިޔާތަކެއް ޝިއާއަށް ދީދައިވާކަން ފާހަގަކުރައްވާ ބަޝީރު ވިދާޅުވީ އެ މައްސަލާގައި މިހައިތަނަށް 45 މީހަކާއި ސުވާލު ކުރެވިފައިވާ ކަމަށެވެ. އަދި ޝާހިލްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޯނުގައި ހުރި މައުލޫމާތު ވެސް އެއްކުރަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޝިއާއު މަރުވި ފަހުންވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.
ޝިއާއު މަރާލާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ޝިއާއުގެ މަރުގެ ތުހުމަތުގައި ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކޮށްފައިވާއިރު، ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޝާހިލް ދިރިއުޅުނު ކޮޓަރި އެވެ.
ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން އިންޑިއާ އަށް ފުލުހުން ފޮނުވުމަށްފަހު، އެ ހަށިގަނޑު ރާއްޖެ ގެނެސް ފުވައްމުލައް ސިޓީ ގައި ވަނީ ވަޅުލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!