ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) މަރާއިގުޅިގެން ތުހުމަތު ކުރެވޭ މީހަކު އަދިނެތް ކަމަށާއި ތަހުގީގު އަދިވެސްދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާ އަދިލިބިފައި ނުވާކަމަށާއި ރަސްމީ ނަތީޖާ ލިބެން މަހެއްހައި ދުވަސް ނަގާނެ ކަމަށެވެ.
އެހެންނަމަވެސް މިހައިތަނަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު، އަޒުހާންގެ ހަށިގަނޑަށް އަނިޔާތަކެއް ދީފައިވާކަން ފާހަގަ ނުވާކަމަށާއި މިމަރާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން މިހާރުވެސް ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ ޖެހިގެންއައި 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު އެވެ.
އަޒްހާން ގެއްލިގެން ހޯދަމުން އަންނަތާ ދެހަފްތާ ފަހުން އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ޕާކް ހަދާ ސަރަހައްދު ކައިރީ ގަސްތަކުގެ ތެރެއިން ނެވެ. ހަށިގަނޑު ފެނުނުއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!