ރަށުގައި ކަމެއްނުވެ އޮވެއްޖެނަމަ އެ ވާހަކައެއް ލިޔަން ގަލަން ނަގާ ކޮންމެ ފަހަރަކު ހިތައް އުނދަގޫކުރާވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެއެވެ. ކޮންމެ ކަމެއް ސިޔާސީގޮތުން މިނެކިރޭ މިފަދަ ދުވަސްވަރެއްގައި ނުވެ އޮންނަ ކަމެއްގެ ވާހަކަ ފަށާއިރަށް އިދިކޮޅުން އެކަމުގެ ނާޖައިޒް ފައިދާ ނަގާފަދައިން، ކަމެއް ހާސިލްވެގެން އެ ވާހަކައެއް ދައްކާނަމަ އެއްކޮޅު މީހުންގެ "ބެޖު" ތަންމިނަށް ބޮޑުކުރާތީއެވެ.
އެންމެ ރަނގަޅެވެ. އެއްކޮޅެއް ވެސް ނޫނެވެ. އަދި ދެކޮޅެއްވެސް ނޫނެވެ. ރަނގަޅު ކަމެއްނަމަ އެއީ ރަނގަޅު ކަމެކެވެ. އެހެން ވެއްޖެނަމަ އެއްކޮޅެވެ. ގޯސްކޮށް ކަމެއް ކުރާނަމަ ހަމަ އެއީ ގޯހެވެ. އެހެން ވެއްޖެނަމަ ދެކޮޅެވެ. އެއީ ހަގީގަތުގައި ކަން އޮންނަންވާނެ ގޮތެވެ.
ދެން ދައްކަން މި އުޅޭ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. ހަނިމާދޫއަކީ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުން ގިނަ ރަށެކެވެ. ފުޓްބޯޅައިގައި ހދ. އަތޮޅުގެ ގަދަ ބާރެކެވެ. ކާމިޔާބީތައް ގިނަ ރަށެކެވެ. ހަމަ ފުޓްސަލްގައި ވެސް ކަން އޮތީ މިހެންނެވެ.

ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމުގައިވާ ޓެކާސް ފުޓްސަލް މުބާރާތުގައި ހދ. އަތޮޅު ފައިނަލުގައި ހަނިމާދޫ ކުޅުނެވެ. ތަށި ނުލިބުނު ނަމަވެސް ހދ. ބުރުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހަނިމާދޫ ކުޅުންތެރިން ހިމެނުނެވެ. ޓެކާސް މުބާރާތުގެ މުޅި ރާއްޖޭގެ ޗެމްޕިއަން ވާދޫ ހޯދި ނަމަވެސް އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހަނިމާދޫ ކުޅުންތެރިން ހިމެނުނެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމުގައިވާ ކުލަބް މޯލްޑިވްސް ކަޕްގެ މި އަހަރުގެ މުބާރާތުގައި ވެސް ގިނަ ހަނިމާދޫ ކުޅުންތެރިންތަކެއް އަންނަނީ ކުޅެމުންނެވެ. މިކަންކަމުން އެނގެނީ ކުރު މާޒީއެއް އޮތް ފުޓްސަލްގައި ހަނިމާދޫގައި ހުނަރުވެރި ކުޅުންތެރިން ތިބިކަމެވެ.
ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތް!
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ރަށްތަކުގައި ފުޓްސަލް ދަނޑު ޤާއިމް ކުރުމަށް ހިންގި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫގައި ވަނީ ފުޓްސަލް ދަނޑެއް ޤާއިމް ކޮށްފައެވެ. އެ ދަނޑުގެ ހުޅުވާފައި ވަނީ ދަނޑުގެ ފެންސާއި ލައިޓްތައް އެކަށީގެންވާ ފެންވަރަކަށް ޤާއިމް ކުރުމަށް ފަހުއެވެ.

ދަނޑުގައި ޓާފްއެޅި ދުވަސްވަރު ޓާފްގެ ކޮލެޓީ ދައްވުމާއި ލައިންތައް ތެދު ނުވުމާއި ބިންގަނޑުގެ ލެވެލް ކުރުމުގައި ހުރި މައްސަލަތަކާއި ގުޅިގެން ޒުވާނުންގެ މެދުގައި ނުތަނަވަސް ކަން އޮތެވެ. އެ ޝަކުވާ އޭރު އޮތް ކައުންސިލާއި ހިސާބަށް ވެސް ޒުވާނުން ގެންދިޔައެވެ. ނަމަވެސް މާބޮޑު އަހަންމިއްޔަތެއް އެކަމަށް ދެވުނުތަނެއް ނުފެނުނެވެ.
ނަތީޖާއެއްގެ ގޮތުން ދަނޑު ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ދަނޑުގެ ލައިންތައް ނައްޓައިގެން ދިޔުމާއި ޓާފްތައް ޖޮއިންޓް ކޮށްފައި ހުރި ތަންތަން ފޭވެ ދަނޑު ބޭނުން ކުރަން ދަތިވާ މިންވަރަށް ދަނޑުގެ ހާލަތު ދަށައް ދިޔައެވެ.

މި ފޮޓޯތަކުން އެ ފެންނަނީ ހަނިމާދޫ ފުޓްސަލް ދަނޑުގެ މިހާރުގެ ހާލަތެވެ. މި ހާލަތުގައި އޮވެ އަހަރުތަކެއް ގުނެމުން އަންނަ އިރު، ހަނިމާދޫ ކައުންސިލުން މިކަމުގެ ޒިންމާނަގައި މިކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ނުވަތަ ކުރަމުން އެބަ ގެންދޭތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ.
މި ދަނޑުގެ ހާލަތާއި ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ފުޓްސަލް ދަނޑުގެ ޓާފް ހަލާކުވެ ބޭނުން ނުކުރެވޭވަރު ވެފައިވާކަން ކައުންސިލުގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށާއި، އެތަނުގެ ޓާފް ބަދަލުކޮށް ކުރަން ހުރި މަރާމާތުގެ އަގުމަގު ވެސް ކުރެވި ބެލިފައިވާ ކަމަށެވެ. ނަމަވެސް ހަމައެކަނި ކައުންސިލު ބަޖެޓުން ޚަރަދު ކޮށްގެން ކުރެވޭވަރަށްވުރެ ބޮޑު ޚަރަދެއް ހިނގާތީ އެކަމުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާތީ އެކަން ޔޫތު މިނިސްޓްރީއާ މިހާރު ހިއްސާ ކުރެވިފައިވާ ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ މި ސަރުކާރުން ހަނިމާދޫގައި ބޮޑު ޓާފް ދަނޑެއް އަޅައި އެތަނުގެ ފެންސްޖަހައި، މިހާރު ލައިޓް ޖަހަން އިއުލާން ކޮށްފައިވާއިރު، މިނިސްޓްރީން މިވަގުތު އެ ޕްރޮޖެކްޓް ކާމިޔާބުކަމާއިއެކު ނިންމަން އިސްކަންދީފައިވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރު ފުޓްސަލް ދަނޑު މަރާމާތު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީން ދެއްވާފައިވާ ކަމަށެވެ.

ތެދެކެވެ. ބޮޑު ޓާފް ފުޓްބޯޅަ ދަނޑެއް ހަނިމާދޫގައި މި ސަރުކާރުން ހަދައިދީފައި އެބައޮތެވެ. މީގެ އިތުރުން ވެސް ޒުވާނުންނާއި ގުޅުންހުރި ބައެއް ކަންކަން ކޮށްދީފައި އެބަހުއްޓެވެ. ޔޫތު މިނިސްޓްރީން ހަނިމާދޫގެ ޒުވާނުންނާއި ގުޅުންހުރި އެއްވެސް ކަމެއް ކޮށް ނުދޭކަމުގައި އަޅުގަނޑު ނުދަންނަވާނަމެވެ. ނަމަވެސް ހަނިމާދޫގައި ފުޓްސަލްގެ ފޯރި އޮވެ، ފުޓްސަލް ކުޅޭ ޒުވާނުން އެހާ ގިނައިރު، ފުޓްސަލް ދަނޑު ހަލާކުވެފައި ތިން ހަތަރު އަހަރު އޮތުމަކީ ޒިންމާނަގަންޖެހޭ ފަރާތްތަކުގެ އިހުމާލެކެވެ. ފުޓްސަލް ކުޅޭނެ ދަނޑެއް ނެތުމުން ފުޓްސަލް މުބާރާތްތައް ވެސް ހަނިމާދޫގައި ފާއިތުވި އަހަރުތަކުގައި ހިންގިފައި ނުވެއެވެ.
މިހާރު އޮތް ދަނޑުގައި ހުރި ކަންކަން ހައްލު ކުރުމަކީ އަލަށް ފުޓްސަލް ދަނޑެއް ހެދުމަށް ވުރެ ނިސްބަތުން މާ ކުޑަ ޚަރަދަކުން ކުރެވިދާނެ ކަމެކެވެ. ހަނިމާދޫގެ ޒުވާނުން ބޭނުންވަނީ އަންނަ އަހަރު ކިޔުމުގެ ބަދަލުގައި މިކަމަށް އަވަސް ހައްލެކެވެ. ފުޓްސަލް މުބާރާތްތައް ބޭއްވޭނެ އަވަސް މަގެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!