އޮގަނައިޒޭޝަން އޮފް ޕެޓްރޯލިކް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ތެޔޮ އުފައްދާ މިންވަރު ދަށް ކުރަން ނިންމުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން، ސައުދީ އަރަބިއްޔާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ ސައުދީ އިސްވެ އޮވެ އުފައްދާފައިވާ އޯޕެކް ގައުމުތަކުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ތެޔޮއުފައްދާ މިންވަރު މަދުކޮށް ދުވާލަކު ދެ މިލިއަން ފީފާގެ ތެޔޮ އުފެއްދުމަށެވެ. އެ ޖަމާއަތުން ބުނީ ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ނުދާނެ ގޮތެއް ހެދުމަށް ކަމަށެވެ.
އޯޕެކްގެ މި ނިންމުމާއި ގުޅިގެން އެމެރިކާގެ ރައީސް ބައިޑެންވަނީ ވަރަށް ބޮޑަށް ކޯފާވެފައި އެވެ. އަދި ގަބޫލް ކުރައްވާ ގޮތުގައި އެއީ އެ ޖަމާއަތުން ރަޝިއާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ސައުދީ އިސްވެ އޮވެ ނިންމި ނިންމުމެއް ކަމަށެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއެއްގައި ބައިޑެން ވިދާޅުވީ އެ ނިންމުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ. އަދި އެ ނިންމުމާއި ގުޅިގެން ސައުދީ އާއި އޯޕެކް ގައުމުތަކަށް ފިޔަވަޅެއް އަޅާނެ ކަމުގެ އިޝާރާތެއް ކުރެއްވި ނަމަވެސް އިތުރު ތަފްސީލަށް ވަޑައިގެންފައެއް ނުވެ އެވެ.
މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބައިޑެންގެ މި އިންޒާރާއި އެކު ސައުދީއަށް އޮތް ގެއްލުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައި އެވެ.
އެގޮތުން ސައުދީ އަކީ 1940 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި އެމެރިކާއިން އަސްކަރީ ހަތިޔާރު ގަންނަ ގައުމެއް ކަމުން އެ ދާއިރާއިން ދަތިކުރުމުގެ ފިޔަވަޅެއް އެޅުން ގާތް ކަމަށް ބުނެފައިވެ އެވެ. ސައުދީން ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު ގަނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އިރާން މައްސަލައިގަ އެމެރިކާއިން ގެންގުޅުނު ސިޔާސަތާއި ގުޅިގެން ސައުދީން ވަނީ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް އިތުބާރު ކުރުން ހުއްޓާލާފަ އެވެ.
ބައިޑެން އިންޒާރު ދެއްވުމުގެ އެއް ދުވަސް ކުރިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާމަން ބޮބް މެނެންޒެދް ވަނީ ސައުދީ އާއި އެކު އެމެރިކާއިން ބާއްވަމުން އަންނަ ހުރިހާ ގުޅުމެއް ވަގުތުން ކަނޑާލަން ގޮވާލައްވާފައި އެވެ. އޭގެ ތެރޭގައި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމަށް ވެސް ގޮވާލި އެވެ.
އޭނާ ވިދާޅުވީ އެމެރިކާއިން އިސްކުރަން ޖެހޭނީ އެގައުމަށް ފައިދާ ހުރި ކަންކަމުގެ މަސްލަހަތު ކަަމަށެވެ.
ހަތިޔާރު ވިއްކުން ހުއްޓާލުމުގެ އިތުރުން އެޅެން އޮތް ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ މަސްލަހަތު ހިމާޔަތް ކޮށްދޭ ގާނޫނެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި އެބައޮތެވެ. އެ ބިލު ފާސް ވެއްޖެ ނަމަ އޯޕެކަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދުނިޔޭގެ މަޝްރަހުގައި އޯޕެކް ގައުމުތަކަށް ފިއްތުންތައް ކުރިމަތި ކުރެވޭނެ އެވެ.
އެ ތުހުމަތަކީ ގާނޫނާއި ހިލާފަށް ސައުދީ ގުޅިގެން އޯޕެކް ގައުމުތަކުން ތެލުގެ އަގު ބޮޑުވާގޮތަށް އެ ވިޔަފާރި ކުރާ ކަމަށް ބުނުމެވެ. އަދި އެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަކަށް ހުށަހެޅޭނެ އެވެ.
ރަޝިއާއަށް ބައިއަތު ހިފައިފަވާކަން ދޭހަވާގޮތަށް އޯޕެކުން ނިންމި ނިންމުމަކާއި އެކު ބައިޑަންގެ ސަރުކާރަށް އެ ޖަމާއަތަށް ނުފޫޒު ނުފޯރުވޭނެކަން ވަނީ ޔަގީން ވެފައި އެވެ. އަދި ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ބައިޑަން އެމެރިކާގައި ތެލުގެ އަގު މައްޗަށް ދިޔަ ނުދޭނެ ކަމަށް ވަމުންދާ ވައުދު ފުއްދުމަށް ދަތިވާނެ އެވެ.
މީގެ އިތުރުން ސައުދީން އެފަދަ ފިޔަވަޅެއް އެޅުމުގައި ބައިވެރިވާނީ އެމެރިކާގެ އިންޒާރާއި ފިޔަވަޅުތައް އަންނާނެކަން އެނގިތިބެކަންވެސް އެނގޭތީ ތެލުގެ އަގަށް އެމެރިކާ ގެންނަން ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ.
ނަމަވެސް ދެ ގައުމުގެ ގުޅުން ގޯސްވުމަކީ މެދުއިރު މައްޗަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އަދި ތެލުގެ އަގު އިންތިހާހަށް ދުނިޔޭގެ ބާޒާރުގައި އުފުލޭނެ ކަމެކެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކުން ބާޒާރަށް ނެރޭ ސާފު ނުކުރާ ތެލަށް ބަލާއިރު ދުވާލަކު ދެ މިލިއަން ފީފާއަށް މަދު ކުރުމަކީ މާބޮޑު އެއްޗެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެމެރިކާ މާބޮޑަށް މި މައްސަލައިގަ ހާސްވެ ކަންބޮޑުވަނީ މި ފަހުގެ އަހަރުތަކުގައި ސައުދީން އެ ގައުމަށް އެތެރެ ކުރާ ތެލުގެ މިންވަރު ދަށްވެފައިވާތީ އެވެ.
މިހާރު މެދުއިރު މަތީގެ ގައުމުތަކުގައި އުފައްދާ ތެލުގެ 80 ޕަސެންޓު އެކްސްޕޯޓު ކުރަނީ އޭޝިއާގެ ގައުމުތަކަށެވެ.
އޯޕެކްގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ސައުދީއަރަބިއްޔާ، އީރާގު، ކުވައިތު، އިކުއެޓޯރިއަލް ގުއެނާ، އަލްޖީރިއާ، އަންގޯލާ، ރިޕަބްލިކް އޮފް ކޮންގޯ، ގަބޯން، އިރާން އަދި ލީބިއާ އެވެ. ދެން އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކަކީ ނައިޖީރިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ވެނެޒުއޭލާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!