މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވޭ އަރުޝަދު ޚާލިދު ކޯޓު އަމުރަކާ ޚިލާފަށް ފުލުހުން އަމިއްލައަށް ބަންދުން ދޫކޮށްލީ ފުލުހުންނަށް ވެރިންނަށް ވެސް ނޭނގި ކަމަށްވާތީ އެ މައްސަލަ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
ނުވަ ކިލޯގެ ޑްރަގް މައްސަލައަކާ ގުޅިގެން އަރުޝަދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރަން އަންގާފައި ރޭ ފުލުހުން ވަނީ އަރުޝަދު ދޫކޮށްލައިފަ އެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި އުޅުމަށްފަހު އެތަނުން ޑީޕޯޓްކޮށްލުމުން ރާއްޖެ އައީ އިހަކަށް ދުވަހު އެވެ.
އޭނާއަކީ މިދިޔަ އަހަރު އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ.
ހައިކޯޓުގެ އަމުރެއް އޮއްވާ އަރުޝަދު ދޫކޮށްލި މައްސަލަ ހޫނުވެ، ހައިކޯޓުން ރޭ ބޭއްވި އަޑުއެހުމުގައިވަނީ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ދައުލަތަށް އަމާޒުވެފަ އެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން ވަނީ އަންގައިފަ އެވެ.
އަރުޝަދު ކޯޓުގައި ރޭ ބުނިގޮތުގައި އޭނާ ރޭ ގޮޅިން ނެރުމަށްފަހު ބަންދުން ދޫކޮށްލިކަމުގެ ލިޔުމެއް ދިނީ ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި މިކަން ފުލުހުން ކުރީ މައްސަލަ ތަހުގީގުކުރާ ފުލުހުންނާއި އެކަމާބެހޭ ޑިޕާޓްމެންޓަށް ނޭނގި ކަމަށެވެ. އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ޕޮލިސް ބޯޑަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަރުޝަދު ދޫކޮށްލިޔަސް، ހައިކޯޓުން ރޭ ވަނީ އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރެފަ އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!