މާލެ ނޫން ރަށްތަކުގައިވެސް މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކަން ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އާރުޓީއެލްގެ ދަށުން މިހާރު މިނީ ބަހުގެ ހިދުމަތް ދެނީ މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލާމު އަތޮޅުގައެވެ. މި ސަރަހައްދުތަކުގައި ބަސްތަކުން ކަރުދާސް ޓިކެޓް ވިއްކަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި ކަރުދާސް ޓިކެޓް ގަންނަ ފަރާތްތަކުން ގެންދަން ޖެހޭނީ ސިދާ ޓިކެޓަށް ވާ ފައިސާއެވެ. އެއީ ބަހުގެ ތެރެއިން މާރު ކުރެވެން ނުހުންނާނެތީއެވެ. މިއީ މާލޭގައިވެސް އަމަލު ކުރަމުން އަންނަ ގޮތެވެ.
ބަހުގެ ހިދުމަތް ހޯދުމުގައި އައްޑުއާއި ފުވައްމުލަކާއި ލާމުގައި އަގުތައް އުޅެނީ 5 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގައެވެ.
ކަރުދާސް ޓިކެޓް ލިބޭނޫ ބަހުގެ ތެރެއިން އެކަންޏެވެ.
މިނީ ބަހިގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މީގެ ސަބަބުން ލުއިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކަރުދާސް ޓިކެޓުގެ އިތުރުން ކިޔުއާރު ޓިކެޓް ވެސް މިނީ ބަހުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ނެގޭނެއެވެ. ކިޔުއާރު ޓިކެޓް ލިބޭނީ އާރުޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނުންނެވެ.
މިނީ ބަހުގެ ހިދުމަތް ހޯދަން ޓިކެޓް ނަގަން ޖެހުނު ނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ސްކޫލް ޔުނިފޯމުގައި ތިބޭ ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!