މާލޭގެ ގެއެއްގެތެރޭގައި ބަނގުރާ ކެއްކި މައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް ހާމައެއް ނުކުރައްވަ އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގަ އެވެ.
މިއަދު ހެނދުނު ފުލުހުން ވިދާޅުވެފައިވަނީ މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު، ބަނގުރާ ކައްކާ ސާމާނު ފެނިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ހުޅުވާފައި ނުވާ ކަމަށެވެ.
އެހެންވެ، ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވާ ކަމަށާއި އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުންދާތީކަން އެނގުނު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!