މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ޒުވާނާ ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ހިނގާފައިވާ މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ، އައްޑޫ ސިޓީ، ހިތަދޫ/މިންހާ, މުޙައްމަދު މިންހާޖު އެވެ.

Ad
rt

ފުލުހުން ވިދާޅުވީ، އޭނާ ހޯދުމަށް އއ. ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތު ކަނޑުގެ ސަރަހައްދަށް ޑައިވްކޮށް 8573 މީޓަރުގެ ސަރަޙައްދެއް މިއަދު ބަލާފައިވާ ކަމަށެވެ.

''މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން.'' ފުލުހުން ވިދާޅުވެފަ ވެއެވެ.

ފުލުހުންގެ އިތުރުން ސިފައިން ވެސް މިންހާޖް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްއެންޑީއެފް އިން ރޭ ވިދާޅުވެފައިވަނީ، މިންހާޖު ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންގައި ވައިގެމަގުން 750 ސްކޮއާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 270 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައި ވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދާ މުޙައްމަދު މިންހާޖު އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަ ކުރަށްވާފަ ވެއެވެ.