މިދިޔަ މަހު ފެމިލީ ކޯޓަށް އެންމެ ގިނައިން މީހުން މައްސަލަ ހުށަހެޅީ ވަރިވުމަށް އެދި ކަމަށް އެ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅީ އަދި އެންމެ ގިނައިން ނިންމީ ވެސް ވަރީގެ މައްސަލަތަކެވެ. ވަރިއާ ބެހޭ 134 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ.

Ad
rt

އެ ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ ވަރިވުމަށް އެދި އެވެ. އެއީ 63 މައްސަލަ އެވެ. އަދި ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު ވަރި ސާބިތުކުރަން 46 މައްސަލައެއް އަދި ކޯޓުގައި ވަރިކުރުމަށް 24 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މިދިޔަ މަހު 153 ކައިވެންޏެއް ކުރިއިރު، 102 މީހަކު ވަރިކޮށްފައިވެ އެވެ. ރާއްޖެއަކީ އާބާދީ ނިސްބަތުން ވަރި ގިނަ ގައުމެކެވެ.

ފެމިލީ ކޯޓުން ބުނިގޮތުގައި އޭގެ ކުރީ މަހުގެ މައްސަލަތަކާ އެކު ވަރީގެ 141 މައްސަލައެއް މިދިޔަ މަހު ނިންމި އެވެ. ދެވަނައަށް އެންމެ ގިނައިން ނިންމީ އާއިލީ އެހެނިހެން މައްސަލަތަކާއި ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ.