އިޓާލިއަން ލީގުގައި ރޭ ރޯމާއާއި ލެއްޗޭ ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ޕައުލޯ ޑިބާލާއަށް އަނިޔާވެ މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވިދާނެ ކަމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރޯމާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ރޯމާއިން ވަނީ ވަރަށް ކުރީކޮޅު ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސްމޯލިންގއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޕެލެގްރީނީ ލެއްޗޭގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލެއްޗޭގެ މޯޓެން ހުލްމަންޑަށް ވަނީ ރަތްކާޑު ދައްކާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައި ވަނީ ރޯމާގެ ފޯވާޑް ބެލޮޓީއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ލެއްޗޭއިން ވަނީ ފުރަތަމަ ހާފުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސްޓްރެފެޒާއެވެ.

މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ރޯމާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ރޯމާއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައި ވަނީ ޑިބާލާއެވެ. ޑިބާލާގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވަނީ ޕެނަލްޓީ ފޮނުވާލުމުގެ ތެރޭގައެވެ. ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރުމުގެ ބަދަލު އޭނާ ފަރާތުން ފެނިގައި ވަނީ ފަޔަށް އަނިޔާވެގެން ކޮރު ޖަހާ މަންޒަރެވެ. އެއަށްފަހު އޭނާ ވަނީ ބަދަލު ކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައި ވަނީ އޭނާއަކީ ޑޮކްޓަރެއް ނޫން ކަމަށާއި ނަމަވެސް އަހަރެންގެ ތަޖުރިބާއަށް އެއްޗެއް ބުނާނަމަ ޑިބާލާއަށް ލިބުނު އަނިޔާއިން ރިކަވާވެގެން އޭނާއަށް ކުޅުމުގެ ތެރެއަށް ދެން އާދެވޭނީ ސީޒަން ބްރޭކަށް ފަހުއެވެ.

އެހެން ވެއްޖެނަމަ އޭނާއަށް މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭނެއެވެ. ޑިބާލާގެ އަނިޔާގެ ތަފްސީލް ލިބޭނީ މިއަދު ހަދާ އިތުރު ޓެސްޓްތަކަށް ފަހުއެވެ.

ރޭ މެޗުން ލިބުނު މޮޅާއިއެކު ރޯމާ މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. ރޯމާއަށް 9 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. ރޭ މެޗުން ބަލިވި ލެއްޗޭ މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 9 މެޗުން ލިބިފައި ވަނީ 7 ޕޮއިންޓެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނާގައި 9 މެޗުން ލިބުނު 23 ޕޮއިންޓާއިއެކު އޮތީ ނަޕޯލީއެވެ. ދެވަނާގައި 21 ޕޮއިންޓާއިއެކު އޮތީ އެތުލާންޓާއެވެ.