އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކޮށްފައިވާ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓް (ސީއެމްއެޗް) އިން މިހައިތަނަށް އަށްޑިހަހާހަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިފާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް މިއަދު ފާހަގަކުރުމުގެ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ 2019 ވަނަ އަހަރު ހުޅިވި އެ ޑިޕާޓްމަންޓުން އެ އަހަރު އެކަނި ވެސް 7246 މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރު 17،708 މީހުންނަށް ޚިދުމަތްދީފައިވާއިރު، 2021 ވަނަ އަހަރު 16،936 މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 13،718 މީހުންނަށް ފަރުވާ ދީފައިވާއިރު، ސީއެމްއެޗުން މިހައިތަނަށް ޖުމްލަ 51،803 މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށް ވަނީ ހާމަކުރައްވާފަ އެވެ.

ރާއްޖޭގައި ވެސް ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު، ނަފްސާނީ ބަލިތަކަށް ޚާއްސަކޮށްގެން އައިޖީއެމްއެޗް ގައި "ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓް" (ސީއެމްއެޗް) ގެ ނަމުގައި ޑިޕާޓްމަންޓެއް ހުޅުވާ ޚިދުމަތް ދޭން ފެށީ 25 މާރިޗް 2019 ގައެވެ.

ސީއެމްއެޗްގައި މިވަގުތު 8 ސައިކޭޓްރިސްޓުންނާއި 3 ސައިކޮލޮޖިސްޓުންނާއި 3 ސޯޝަލް ވޯކަރސް އަދި 2 ކައުންސެލަރުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓަކު ދަނީ މަސައްކަތް ކުރަމުން ނެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަަގަ ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވުމެވެ.

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވަޢުދުތަކު ތެރޭގައި ހިމެނޭ ކަމެކެވެ.

މި މަރުކަޒަކީ ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުޞަދުގައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ. އަދި މި މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދެއެވެ. އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ޚިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.