އައްޑޫ ސިޓީ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ މަރުވި މައްސަލައިގައި ހިމެނޭ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން އަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށް ވެސް އެ އޮފީހުން ވިދާޅުވި އެވެ.

Ad
rt

މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ އިތުރު ތިން ކުދިންގެ މައްޗަށް، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށާއި އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 05 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވި އެވެ.

މި ދައުވާތައް މި އޮކްޓޯބަރ މަހު ހަވަނަ ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އިތުރަށް ވިދާޅުވީ މިމައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ދިވެހި ފުލުހުން އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ. ތަހުގީގުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު، އިތުރުކޮށްދެމުންގެންދާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފަ އެވެ.

ޒަޔާނަަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެރޭ ފޭދޫގައި ހިންގި އެ މާރާމާރީގަ އެވެ. ޒަޔާން މަރުވީ އޭނާއަށް ލިބުނު ޒަޚަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.