ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް މަތީމިންވަރެއްގައި ހުންނާނެތީވެ، މާލީ ބުރަ ކުޑަކުރުމަށް، ހައްގުވާ ފަރާތްތަކަށް އެކަނި، ކާޑުގެ ބާވަތްތަކާއި ތެލުން ދެމުން އަންނަ ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން ލަފާ ދީފައިވެ އެވެ.
ވޯލްޑް ބޭންކުން މިގޮތަށް ލަފާ ދީފައިވަނީ ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގަ އެވެ.
މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް ގައިވާ ގޮތުން، ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށް ބެލެވޭކަމަށާއި މިއީ، ރާއްޖޭގެ އިގްތިސާދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެއްކަމަށް ބުނެފައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ބޮޑުވެފައިވާކަމަށްވެސް ބުނެފައިވެ އެވެ.
އެމްޑީޔޫގެ ހާއްސަ ސެކްޝަން، 'ޓުވާޑްސް ރެސިލިއަންޓް އެންޑް އެފޯޑަބަލް ހައުސިން'ގައި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި ޕްރޮގްރާމްތަކުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބައޮތެވެ. ސަރުކާރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް ކުރާ ހަރަދު އިތުރުކޮށްފައި ވާއިރު، ބޭރުގެ ލޯނުތަކާއި ގެރެންޓީތައް ހިމެނޭހެން 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެ އެވެ.
ނަމަވެސް، މި ދާއިރާގައި ހުރި ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ. ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޭބިސީތަކުގެ ގިންތިތަކަށް އަމާޒުކޮށްގެން އެ ނިޒާމު މުރާޖައާ ކުރުމަކީ ސަރުކާރުން ސަބްސިޑީ ދިނުމުގައި އިސްކަންދޭ ގޮތް ބަދަލުކުރުމަށް އެހީވެދޭނެ ކަމެކެވެ. ކުލި ދައްކައިގެން ގެދޮރު އަމިއްލަ ކުރެވޭ ޕްރޮގްރާމްތައް އަލުން ފަރުމާކުރުމަކީ، ގޭބިސީތަކުގެ އާމްދަނީގެ ތަފާތު ގިންތިތަކަށް ބަލައިގެން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް އަދި ކުލި ދެއްކުމުގެ ޝަރުތުތަކާއި ދެވޭ އިނާޔަތްތައް އެއްގޮތްކުރެވިދާނެ ކަމެކެވެ.
"އިގްތިސާދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް،"
ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.
މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުން އައުމާ ގުޅިގެން އިގްތިސޯދު ރަނގަޅުވަމުން އަންނަ އިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި އަހަރުގެ ތެރޭގައި ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.8 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ ޖޫން މަހު ލަފާކުރި މިންވަރަށް ވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ 2021 ވަނަ އަހަރު، ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގެ މަގުމަތީގައި ގައުމުތައް އޮތް އިރު، ސަރަހައްދީ އިގްތިސާދީ ކުރިއެރުން ހުރީ 7.8 އިންސައްތައިގަ އެވެ.
މި ސަރަހައްދީ ރިޕޯޓާ އެއްކޮށް ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިން ދެއްކި ގޮތުގައި، 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 އިންސައްތައިގަ އެވެ. މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުން އައުމެވެ. ޖީޑީޕީ ކުރިއަރާ މިންވަރު 2023-24 ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގްތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!