ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދިން ހެކިންގެ ބަސް ދޮގުކުރަން ދައުލަތުން އާ ހެކިތަކެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގެ ދިފާއުގައި ކުރީގެ ބައެއް ވަޒީރުން ކޯޓުގައި ހެކިބަސް ދިނެވެ.
ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރަން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ހެކިބަސް ދިނެވެ. ޔާމީންގެ ގޭގައި އެ ފައިސާ އަމިއްލައަށް ގުނައިގެން ގޮސް ޔޫސުފް ނައީމަށް ދިން ކަމަށް ނަރީޝް ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓަށް ދައުލަތުން މިއަދު ހުށަހެޅީ އެ ހެކިންގެ ހެކިބަހަކީ ދޮގެއްކަން އެނގޭނެ އާ ހެކިތަކެއް ކަމަށް ބުނެ އެވެ. އެ ހެކިތައް ބަލައިގަތުމަށް ދިފާއީ ވަކީލުން ދެކޮޅު ހެދި އެވެ.
ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައި ވަނިކޮށް އާ ހެކި ހުށަނޭޅޭނެ ކަމަށާއި އެ ފުރުސަތު ނުދެވޭނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. އަދި "ދައުލަތުން ސަކަރާތް ޖަހަން އުޅޭ" ކަމަށް ތުހުމަތުކުރި އެވެ.
ދައުލަތުން ބުނީ ކުރިން އެ ހެކިތައް ނުލިބުނީ ދިފާއީ ހެކިންގެ މައުލޫމާތު އޭރު ލިބިފައި ނެތުމުން ކަމަށެވެ. އެ މީހުން ހެކިބަސް ދިނުމުން އެ މައުލޫމާތުތައް ފަހުން ލިބިގެން ހުށަހެޅީ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ ހެކިތައް ބަލައިގަތުމާ ބެހޭގޮތުން އަންނަ މަހު ގޮތެއް ނިންމާނެ ކަމަށެވެ. އޭގެފަހުން އޮންނާނީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!