ކޯޓަށް ހާޒިރުނުވެ، ފިލައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ރޭޕާއި ޖިންސީ ގޯނާގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރަން އުޅުނު ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް މިދިޔަ އަހަރު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ.

Ad
rt

އޭނާ ކޯޓަށް ހާޒިރު ނުވާތީ އޭނާ ދެ މަހަށް ޖަލަށްލާން ވެސް ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

އަލީ ވަހީދު ހާޒިރު ނުވާތީ، އޭނާއަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލީ މިދިޔަ ހަފުތާގަ އެވެ.

އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ރެޑްނޯޓިސް ނެރުމުގެ މަސައްކަތްކުރާ ކަމަށް ސަރުކާރުން ބުންޏަސް، މިހާތަނަށް އެކަމެއް ނުކުރެ އެވެ. އޭނާ އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރީ ވެސް އެ ތުހުމަތުތަކާ ގުޅިގެންނެވެ.