ހއ. ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެރަށު ކައުންސިލު އިދާރާ އިން އެދިއްޖެ އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސް އުފުލުމުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކުން ބަނދަރުގެ މަގުތަކަށް ލޭ ފަދަ ތަކެތި ނުފައިބާ ގޮތަށް އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ބަނދަރުގެ ހުރިހައި ދިމާލެއްގައި ވެސް (ކޮންމެ ދިމާލެއްގައި) މަސައްކަތް ކުރުމުގެ ބަދަލުގައި ބަނދަރުގައި އެކަމަށް ޚާއްސަ ކުރެވިފައިވާ ތަންތަނުގައި މަސްކަނޑާ ނިމުމުން ތަން ރަނގަޅަށް ސާފުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން މިހާރަކަށް އައިސް ބައެއްފަރާތްތަކުން ބަނދަރުގެ ތޮށިގަނޑުމައްޗަށާއި ބަނދަރުގެ މަހުގައި އެޅިގަލާއި އެހެނިހެން ބާވަތްތަކުގެ މުދާ ފަދަތަކެތި ޖަމާކޮށް، ގިނަދުވަހަށް ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދިއްދޫ ކައުންސިލުގެ ބަޔާނުގައި ވެއެވެ. އަދި ބަނދަރުގެ ތޮށިގަނޑުމަތީގައި ބަރުތަކެތި ބެހެއްޓުމަކީ ބަނދަރުގެ ތޮށިގަނޑަށް ގެއްލުންލިބޭނޭ ކަމަކަށްވާތީ، ބަދަރުގެ ތޮށިގަނޑުމަތީގައި ތަކެތި ދިގުމުއްދަތަށް ނުބެހެއްޓުމަށް ވެސް އެދިފައި ވެއެވެ.
ދިއްދޫ ކައުންސިލުން ބުނީ އެރަށު ބަނދަރަކީ އެ އަތޮޅުގެ ރައްޔިތުންގެ އިތުރުން އުތުރުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ބޭނުންކުރާ ބަނދަރެއް ކަމަށާއި އަދި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއި އެކު އެރަށު ބަނދަރު ބޭނުންކުރާ މީހުން އިހުނަށް ވުރެ ގިނަ ކަމަށެވެ.
އެހެންކަމުން އެރަށު ބަނދަރު ބޭނުންކުރާ ހުރިހައި ފަރާތްތަކުން ވެސް ބަނދަރުގެ ސާފުތާހިރުކަމަށާއި ބަނދަރަށް ގެއްލުންނުވާނޭ ގޮތަށް ބަލައިގެން މަސައްކަތް ކުރުމަށް އެދޭ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ. އަދި މިފަދަ ކަންކަން ރަނގަޅު ކުރުމަށް ބަނދަރު ބޭނުންކުރާ ހުރިހައި ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން އެ ކައުންސިލަށް ބޭނުންވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!