ދުނިޔޭގައި މިހާރު ސަލާމަތްވެވެން އޮތީ ދިރި ހުރުމާއި މަރާއި ހަނގުރާމަ ކޮށްގެން ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކޮންގޯގެ ވެރިރަށް ކިންޝަސާގައި ކުރިޔަށްދާ މޫސުމާއި ބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ގުޓެރެސް ވިދާޅުވީ މޫސުމަށް ނޭދެވޭ އަސަރުކޮށް ދުނިޔެއަށް ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ހީވެސް ނުކުރާހާ ހަލުވިކަމާއި އެކު އަވަހަށް ކަމަށެވެ.
ގުޓެރެސް ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތަރައްގީވެފައިވާ 20 ގައުމުން ކަމަށެވެ. އެއީ އެ ގައުމުތަކުން ދުނިޔޭގެ ފިނިހޫނުމިން މަތިވުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުމަށް ބަލައި މުއްސަނދި ގައުމުތަކުން ތިމާވެއްޓަށް ގެއްލުންދޭ ބޮޑެތި ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ޕްރޮޖެކްޓުތަކަކީ ގައުމުތަކުގެ އިގްތިސޯދާއި ގުޅިފައިވާ ބިޔަ ޕްރޮޖެކްޓުތައް ކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ ދެތިން ހަފްތާގައި ގުޓެރެސް ބައިވެރިވެވަޑައިގެންނެވި ގިނަ ހަފްލާތަކުގައި މުޅިންވެސް ދެއްކެވީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައެވެ. އަދި ގައުމުތަކުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ކަމުގެ ވާހަކަ އެވެ.
ގުޓެރެސް ވަނީ ކިއުބާ އާއި އެމެރިކާ، ފިލިޕިންސް އަދި ޕާކިސްތާނު މިހާރު އޮތް ހާލަތާއި މެދު ގައުމުތަކުން ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޯކޮށް ވާރޭވެހި ތިން ބައި ކުޅަ އެއްބައި އޮތީ ފެނު އަޑީގައި އެވެ. އެެެމެރިކާގެ ފޮލޮރިޑާއަށް މިދިޔަ ހަފްތާގައި އެރި ހަރިކޭން އިއާން އަކީ އެގައުމުގެ ތާރީހުގައި އެރި އެންމެ ބާރުގަދަ ހަތަރު ވަނަ ތޫފާނެވެ. އަދި ފިލިޕިންސް އާއި ކިއުބާއަށްވެސް ހަމަ އެފަދަ ތޫފާނެއް އަރައި އެތައް މިލިއަން މީހުން ތިބީ ހާލުގައި ޖެހިފައި އެވެ.
މީގެ އިތުރުން މިއަހަރު ޔޫރަޕްގެ ގައުމުތަކަށް މިދިޔަ 500 އަހަރު ހޫނު ނުވާވަރަށް ދަނީ ހޫނު ވަމުންނެވެ.
ގުޓަރެސް ވިދާޅުވީ މޫސުމީ އެކި މައްސަލަތައް ގައުމުތަކަށް ދިމާވަމުން ދިޔުމުގެ ސަބަބުން މާދަމާ ރައްކާތެރިކަން އޮންނާނެ ކަމުގެ ޔަގީންކަންވެސް ނެތް ކަމަށެވެ. އޭނާ ވަނީ މިކަން ކަމަށް ކުރިޔަށް އޮތް ކޮޕް20 ސަމިޓުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.
ކޮޕް20 ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިސްރުގެ ރިސޯޓެއް ކަމަށްވާ ޝާމް އަލް ޝެއިހް ގައި އެވެ. މި ކޮންފަރެސް އޮންނާނީ އަންނަ މަހު 6-18 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!