އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ރެޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު، އޮނޮރަބަލް އަހުމަދު ނަސީމެވެ.
އެލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ އަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާއި އެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކައުތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭނެ ނިޒާމެކެވެ.
މިއީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯރމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރެވުނު ޑިޖިޓަލް ރެޖސިްޓްރީ އެކެވެ.
މި ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކް ކުރެވި، އެކި ސެންޓަރު ތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެ އެވެ. މިގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެެ އެވެ.
މީގެ ސަބަބުން، ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުން ތަކަށް ލުޔެއް ލިބިގެންދާނެ އެވެ. އަދި ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރަހާ ކުދިން ގަވާއިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރެޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެއެވެ.

ޤައުމީ ވެކްސިން ޕްރޮގްރާމްގެ ލަނޑުދަނޑިއަކީ، ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިންޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!