2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ހިމަނާފައިވާ 57 އިންސައްތަ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދަށެވެ.
ޕީއެސްއައިޕީ މަސްރޫއުތަކަށް ޖުމްލަ 5867 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން މާލޭ ރީޖަން ގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓު ތަކަށް 3353 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އެއީ ޕީއެސްއައިޕީ ޕްރޮޖެކްޓު ތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 57 އިންސައްތައެވެ.
އެކި އަތޮޅު ތަކަށް ކަނޑައެޅިފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓު ތަކަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 2514 މިލިއަން ރުފިޔާ އެވެ. އެއީ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކަށް ކުރާ ޚަރަދުގެ 43 އިންސައްތަ އެވެ.
އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ހިންގާ މަސްރޫޢުތަކަށް 7912 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެކިރަށްތަކުގެ ބިން ހިއްކުމުގެ މަސްރޫޢު ތަކަށެވެ. އެގޮތުން 955 މިލިއަން ރުފިޔާ އެކި ރަށްތަކުގެ ބިންހިއްކުމުގެ މަސްރޫޢުތަކަށް ހިމަނާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް 853 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހިމަނާފައިވެއެވެ. މާލ-ތިލަފުށި ބްރިޖަށް 411 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ގުޅިފަޅު ހިއްކުން އަދި ޕޯޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓަށް 247 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ސަސްޓެއިނަބްލް އެނާރޖީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓަށްވެސް 247 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް 150 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އައްޑޫ ސިޓީގެ މަގުތައް ހެދުމަށް135 މިލިއަން ރުފިޔާ، މާލޭ ސިޓީގެ މަގުތަށް ހެދުމަށް 79 މިލިއަން ރުފިޔާ އަދި ފުވައްމުލަކު ސިޓީގެ މަގުތަށް ހެދުމަށް 61 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!