ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ޓެރަރިޒަމްގެ ދައުވާ ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ތިން ބޭފުޅުންގެ އިތުރު އިތުރު 15 މީހަކަށް ވެސް ދައުލަތުން އިއްޔެ ވަނީ ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
ފަޒްލޫނާއި އާދަމް ނިޝާނަށް ކުރަނީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އެ ދެ ބޭފުޅުން މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.
މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭނާގެ އިތުރުން އިތުރު ހަ މީހަކަށް އެ ދައުވާ ކުރެ އެވެ.
އަދި އިތުރު ހަ މީހަކަށް ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ކުރެ އެވެ.
ޓެރަރިޒަމްގެ ކުށްތައް ސާބިތުވެއްޖެ ނަމަ، ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި މައްސަލާގައި 15 މީހެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. އިތުރު ތިން މީހެއްގެ މައްޗަށް މާރާމާރީ ހިންގުމުގެ ދައުވާއެއް ވެސް ކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!