ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުުރުމަށް މަޝްވަރާތައް ފަށައިފި އެވެ.
އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވީ މި މަޝްވަރާތަކުގެ ތެރެއިން ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު، ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ބައްދަލުކޮށްފައިވާ ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެކުލަވާލަން ޖެހޭ ގާނޫނު އެކުލަވާކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.
އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ފެށުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިއީ ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އެގޮތުން ރައީސް އައްޔަންކުރައްވާ މެމްބަރަކާއި އެޓަރނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ އިތުރު މެމްބަރަކު ވެސް އެ ކޮމިޝަނުގައި ތިއްބަވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!