އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއު މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބުކުރި އިރު، ސިޓީގެ ފޯވާޑް ކުޅުންތެރިން ކަމަށްވާ ހާލަންޑާއި ފިލް ފޮޑެން ހެޓްރިކް ހަދައިފިއެވެ. ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-3 ގެ ނެތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ހާފުގައި ސިޓީން ހަތަރު ލަނޑު ކާމިޔާބުކޮށް، ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވެސް ވަނީ ތަނަވަސް ކޮށްފައެވެ. މިގޮތުން މެޗު ފުރަތަމަ ފަސް މިނެޓްތެރޭ ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ހާލަންޑް ބޮލުން ޖެހިނަމަވެސް އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ޔުނައިޓެޑްގެ މެކްޓޮމިނޭ ވަނީ ބޮލްކް ކޮށްފައެވެ. ރިބައުންސްވީ ބޯޅަ އޭރިއާތެރޭ ހުރި ޑިބްރޭނާއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލު ހަމަލާ މަތަކުރީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާއެވެ. ޑެހެއާ އަތުގައި ޖެހިފައި ނުކުތްބޯޅަ ވެސް ސިޓީގެ ކުޅުންތެރިންނަށް ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ފުރުޞަތު ލިބުނެވެ. އެ ބޯޅަ ވެސް މެކްޓޮމިނޭ ވަނީ ގޯލަށް ވަނުމުގެ ކުރިން ބްލޮކް ކޮށްފައެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފިލް ފޮޑެންއެވެ. ފޮޑެން މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ސިޓީގެ މިޑްފީލްޑަރ ބާނާޑޯ ސިލްވާ ޔުނައިޓެޑްގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެއަށްފަހު 19 ވަނަ މިނެޓުގައ ޔުނައިޓެޑްގެ އޭރިޔާ ބޭރުން ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުން ސިޓީގެ ޖަރުމަނު މިޑްފީލްޑަރ ގުންޑަގަން ފޮނުވާލި ހަމަލާ އަމާޒުވީ ޔުނައިޓެޑްގެ ގޯލުގެ ދަނޑިއަށެވެ.
ސިޓީއަށް ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. ހާލަންޑް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ކެވިން ޑިބްރޭނާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ހާލަންޑް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގު ހުރަސްކުރި ފަހުން ޔުނައިޓެޑްގެ ޑިފެންޑަރ މަލާސިއާ ވަނީ އެ ބޯޅަ ގޯލުން ބޭރަށް ނެރެފައެވެ. ނަމަވެސް ގޯލްލައިން ޓެކްނޮލޮޖީގެ އެހީގައި ރެފްރީ ވަނީ ވަގުތުން އެއީ ލަންޑެއް ކަމަށް ނިންމާފައެވެ.
އޭގެ ތިން މިނެޓް ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ހާލަންޑް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޑިބްރޭނާގެ މޮޅު އެސިސްޓަކުންނެވެ. ސިޓީން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 44 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފޮޑެންއެވެ.
މި މެޗުގައި ވެސް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯއަށް ފުރުޞަތު ދީފައިނުވާއިރު، މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ރޮނާލްޑޯއަށް ފުރުޞަތު ދީފައި ނުވެއެވެ. ސިޓީން ފުރަތަމަ ހާފު ނިންމާލާފައި ވަނީ ހަތަރު ލަނޑުގެ ލީޑަކާއި އެކުގައެވެ. މި ނަތީޖާގެ ސަބަބުން ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ހާފްޓައިމްގެ ކުރިން ދަނޑުން ނުކުމެފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިތަން ފެނިގެން ދިޔައެވެ. ޔުނައިޓެޑަށް ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެންތަނީއެވެ. މި ލަނޑާއިއެކު ޔުނައިޓެޑަށް ހިތްވަރެއް ލިބުނު ނަމަވެސް 64 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ލީގުގައި އަމިއްލަ ދަނޑުގައި ސިޓީން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ހާލަންޑް ވަނީ ހެޓްރިކް ހަދާފައެވެ. މިއީ ވެސް ރެކޯޑެކެވެ. ހާލަންޑް ލީގުގައި މިހާތަނަށް 14 ލަނޑު ޖަހާފައިވާއިރު، މި ސީޒަންގައި މިހާތަނަށް އޭނާ ވަނީ 17 ލަނޑު ޖަހާފައެވެ.
މެޗުގައި ސިޓީއަށް ހަވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފޮޑެންއެވެ. މި ލަނޑާއިއެކު ފޮޑެން ވެސް ހެޓްރިކް ފުރިހަމަ ކޮށްފައިވާއިރު، މިއީ އޭނާގެ ކެރިއާގައި ހެދި ފުރަތަމަ ހެޓްރިކެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މާޝިއަލްއެވެ. ތިންވަނަ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ވެސް މާޝިއަލްއެވެ. މެޗުގައި މާޝިއަލް ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި ނަތީޖާއާއިއެކު ކުޅުނު 8 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނާގައި ސިޓީ އޮތްއިރު، މެޗުން ބަލިވި ޔުނައިޓެޑް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ތާވަލުގެ ހަވަނާގައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި 8 މެޗުން 21 ޕޮއިންޓް ހޯދައިގެން އޮތީ އާސެނަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!