ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ގިނަ އަދަދެއްގެ ބޭބީ ސްޓްރޯލާތަކެއްގައި ކުޑަކުދިން ނިންދަވާފައި ތިބި ތަނެވެ.
އެ މަންޒަރުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެކުދިން ބޭބީ ސްޓްރޯލާތަކުގައި އެކަނި މަގުމަތީގައި ނިންދަވާފައި ތިބުމެވެ. އެ ވީޑިއޯތަކުން ގާތްގަނޑަކަށް 15 ވަރަކަށް ކުދިން އެ ސަރަހައްދުގައި އެކަނިމާއެކަނި ނިންދަވާފައި ތިބިތަން ފެނެއެވެ.
ވީޑިއޯ އާއި ގުޅޭގޮތުން ޕޯސްޓު ކުރި އެމެރިކާ އަންހެނަކު ބުނީ އެއީ ޑެންމާކުގެ މަގުތައް ކަމަށާއި އެ ގައުމުގައި އެއީ އާންމު ކަމެއް ކަމަށެވެ. މި ވީޑިއޯއަށް 11 މިލިއަން ވިއުސް މިހާތަނަށް ލިބިފައިވެ އެވެ.
ޑެންމާކު މީހުން މިގޮތަށް އަމަލު ކުރާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އަދި މިކަން ފެށިގެން އައި އިރެއް އެ ގައުމުގެ ދުވަސް ވީ މީހުންނަށްވެސް ބުނެދޭކަށް ނޭނގެ އެވެ.
އެގައުމުގައި މި އާދަ ގެންގުޅެނީ ކުދިން އެގޮތަށް ނިންދަވާލުމަށް ފަހު މަންމައިން ނުވަތަ ބައްޕައިންނަށް ބޭރުގައި ހަމަޖެހިލައިގެން ވަގުތުކޮޅެއް ހޯދުމަށް ކަމަށްވެ އެވެ. އަދި ކުދިންނަށް އެކަނި ކޮންމެ ތަނެއްގައިވެސް ނިދަން ފަރިތަކޮށްދިނުމުގެ ގޮތުން ކަމަށްވެ އެވެ.

ކުދިން ބޭރުގައި ނިންދެވުމާއި ގުޅޭގޮތުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ އެކަމުން ކުދިންގެ ސިއްހަތަށް އެތައް ފައިދާތަކެއް ކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން ތަރުބިއްޔަތު ކުރުމަށާޢި ސާފު ވައި ކުއްޖާގެ ހަށިގަނޑަށް ލިއްބައި ދިނުމަށް ފަސޭހަވާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ. ނީނާ ސިވާޓްސެން ބުނެފައިވާ ގޮތުގައި ކުދިން ބޭރުގައި އެކަނި ނިންދަވާފައި ބޭތިއްބުމުން ލިބޭ ފައިދާ ތަކާއި ގުޅޭ އެއްވެސް ދިރާސާއެއް މިހާތަނަށް ހަދާފައެއް ނުވެ އެވެ. އެފަދަ ވާހަކަތަކީ އެމީހުންގެ އަމިއްލަ ގަބޫލު ކުރުންތައް ކަމަށް ބުންޏެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކި އެހެން ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި މިގޮތަށް ސްޓްރޯލާ ބޭރުގައި ބަހައްޓަން ޖެހެނީ ކުރީ ޒަމާނުގައި ޑެންމާކު ފަދަ ނޯދާން ޔޫރަޕްގެ ގައުމުތަކުގައި ގެދޮރު އިމާރާތް ކޮށްފައި ހުންނަ ގޮތުންނެވެ. އާންމުކޮށް ކުރީގެ ގެތަކުގެ ދޮރު ކުޑަކަމުން ސްޓްރޯލާ ފަދަ ތަކެތި ގޭތެރެއަށް ނުވެއްދޭ ކަމަށްވެ އެވެ.

މިހާރު އެންމެ ގިނައިން މި މަންޒަރު ފެންނަނީ ކެފޭތަކުގެ ކައިރީގައި އެވެ. ޑެންމާކުގެ އިތުރުން ފިންލޭންޑް، ނޯވޭ އަދި އައިސްލޭންޑުގައިވެސް މި އާދަ އޮވެ އެވެ.
މި ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ މީހުންގެ ސުވާލަކަށްވީ ސަލާމަތީ ގޮތުން ދަރިފުޅު އެކަނި ބާއްވާފައި ދިއުމަކީ ރައްކާތެރިކަމެއް ހެއްޔެވެ. މި ސުވާލަށް ޖަވާބުދިން އެ ގައުމުތަކުގެ މީހުން ބުނީ އެ ގައުމުތަކުގައި ބިރުވެރިކަމެއް ނޯންނަކަމަށާއި އެހެން މީހެއްގެ ދަރިއަކު ވަގަށް ނަގައިގެން ދިއުމުގެ މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. އެވީޑިއޯއަށް ކޮމެންޓްކުރި އެމެރިކާގެ އަންހެނަކު ބުނީ އެގައުމުގައި އެގޮތަށް ކަންތައްކޮށްފި ނަމަ އެއީ ހައްޔަރުކޮށް ޖަލައްލާފަދަ ކަމެއްކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ނޮދާން ޔޫރަޕްގެ ގައުމުތަކަކީ ދުނިޔޭގައި އެންމެ ކުށް މަދު އަމާން ރައްކާތެރި ގައުމުތަކެވެ. އެ ގައުމުގެ ތެރެއިންވެސް އެއްވަނަ ގައުމަކީ ނޯވޭ އެވެ.
@annieineventyrland♬ path of the wind ~ my neighbor totoro lofi - Closed on Sunday
ވަކި މޫސުމަކަށް ނުބަލައި ފިނި މޫސުމުގައިވެސް ބޯ ރަޖާ އެޅުމަށް ފަހު ކުޑަކުދިން ސްޓްރޯލާތަކުގައި މަގުމަތީގައި ނިދަން ބޭތިއްބުމަކީ އެ ގައުމުތަކުގެ ސަގާފަތާއި ގުޅިފައިވާ ރައްކާތެރި އާދަ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!