ހއ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022" ގެ ގުރުއަތު ލައިފިއެވެ.
ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައިވެއެވެ.
އެ ޓީމްތަކަކީ ބާވީސް ސްޕޯޓްސް ކުލަބް، އެފްސީ ފްރިގޭޓާ، އެޗްއާރުއެފް އެއާޕޯޓް، އިހަވަންދޫ އިމަގުގެ އިތުރުން މާރަންދޫ ކައުންސިލް ޓީމެވެ.

މުބާރާތް މި މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު އެ ދުވަހުގެ ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް މާރަންދޫއާއު ބާވީސް ސްޕޯޓްސް ކުލަބެވެ. ހަމައެދުވަހު ހަވީރު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރިގޭޓާއާއި އިމަގެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 13 އޮކްޓޯބަރ 2022 ގައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހޭންޑްބޯޅައިގެ ދާއިރާއިން ކަނބަލުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން ހޯރަފުއްޓާއި އަތޮޅުގެ އެހެން ރަށްތަކާއި ދެމެދުގައި ގުޅުން ބަދަހި ކުރުމެވެ.
ހޯރަފުށީގެ މުއައްސަސާތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ފާއިތުވި އަހަރު ވެސް މި މުބާރާތް ބާއްވާފައިވާއިރު، ފާއިތުވި އަހަރު މުބާރާތުގައި ޤައުމީ ޓީމްގެ ކުޅުންތެރިން ވަނީ ކުޅެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކި ޓީމްތަކުގައި ހިމެނިގެން މި އަހަރު ވެސް ޤައުމީ ޓީމް ކުޅުންތެރިން މި މުބާރާތުގައި ކުޅޭނެއެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން މި އަހަރު ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާރުވީ ސްޕޯޓްސް އެކަޑަމީ ރަޖިސްޓަރީ ކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ އެކަޑަމީގައި މިހާރު ވެސް ދެ އުމުރުފުރާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ތަމްރީންތައް ހަދަމުންނެވެ. އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިންގާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަދުވަސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!