މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮންޓެއިނަރ ހެންޑްލިންގ އިކުއިޕްމެންޓްސް އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އޭރުން ޕޯޓުގެ އެފިސެންސީ ކޮންމެވެސް ވަރަކަށް އިތުރުކުރެވޭނެ ކަމަށެވެ.
އެގޮތުން އެއް ޓަގާއި ހަތަރު ރީސްޗެކަރ އަދި ފަސް ފޯކްލިފްޓް މިއަހަރުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ނުވަތަ އެންމެލަސްވެގެން ވެސް ރޯދަމަހުގެ ކުރިއަށް ގެނެސް، އެތަކެތީގެ ބޭނުން ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ފާއިތުވި 2021 ވަނަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ތިންވަނަ ކްއާޓަރ ގައި ކާގޯ ވޮލިއުމް މަތިވެފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިއިން ދައްކައިދެނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަމިންވަރު ކަމަށެވެ.
2019 ވަނަ އަހަރުން ފެށިގެން ގާތްގަޑަކަށް 50 އިންސައްތަ ދަށްވެފައިވީނަމަވެސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މަޑުމަޑުން ރިކަވަރ ވަމުން އައިސް މިއަހަރުގެ މިހާ ހިސާބަށް އައި އިރު، ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަން ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން އެވްރެޖުކޮށް މަހަކަށް ދެހާސް ކޮންޓެއިނަރ ގެ ކުރިއެރުމެއް މިހާރު އުޅޭކަން ފާހަގަ ކުރައްވާ، ޝާހިދު ވިދާޅުވީ ކޮންޓެއިނަރ ކްލިއަރ ކުރުމުގައި ވެސް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ދުވާލަކަށް އެވްރެޖުކޮށް 300 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރ ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޕޯޓުގެ އޮޕަރޭޝަނަށް އަދިވެސް އޮތް އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި އެކަމަށް ކުޑަނަމަވެސް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެގޮތުން ބަނދަރު ސަރަހައްދާއި ހުޅުމާލެ ސަރަހައްދުގައި ހުރި ބައެއް އޭރިއާތައް ބިންގަނޑު ލެވެލްކޮށް ގައު އަތުރާ ޔާޑު އެއްކޮށް ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
"އެތަންތަން ނިމުނީމަ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އިތުރުޖާގަ ލިބޭނެ. އޭރުން މަސައްކަތަށް ތަންކޮޅެއްބޮޑަށް ފަސޭހަވެގެން އަންނާނެ އެ ޖާގަކޮޅުވެސް އިތުރުވީމަ. އެހެންނަމަވެސް އެތަންތަން އަޅާނިމުނީމަ ދެން ޖާގަ އިތުރުކުރެވޭނެ ގޮތެއް ނޯންނާނެ." ޝާހިދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!