ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު، ޗެކްކުރި ކައްދޫ އެއަރޕޯޓުގައި މައްސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި ‘’ތިލަދުން’’ އާއި މަޢުލޫމާތު ހިއްސާކުރި ފަރާތުން ބުނީ މިނިސްޓަރު މަހްލޫފް، ސެކިރުޓީ ޗެކުކުރުމަށް މައްސައްކަތް ކުރި ސެކިއުރިޓީ އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވަނީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަލް މަސައްކަތެއްގައި ބައިވެރިނުވެވޭ ގޮތަށް ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.
އޭނާ އިތުރަށް ބުނީ މިނިސްޓަރު ފުރަންވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނު 06:15 ގައި ކައްދޫ އިން މާލެއަށް ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ( Q2150 ) އިން ކަމަށެވެ. އަދި މިނިސްޓަރ ވަޑައިގެން އުޅުއްވީ ޕާޓީ ކެމްޕެއިން ދަތުރެއްގައި ކަމަށެވެ.
"މިނިސްޓަރު މަހްލޫފު މާލެ ވަޑައިގަންނަވަން ކައްދޫ އެއާޕޯޓަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު ހެނދުނު. އެއީ އެ ދުވަހު ހެނދުނު 06:15 ގަ ޗެކިން އޮތް ފްލައިޓް. ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފު މިނިސްޓަރ ދެންނެވީ ކޮމާންޑުގެ ޤަވާއިދާ އެއްގޮތަށް ޗެކް ވުމަށް. ދެން މިނިސްޓަރ ހިތްޕުޅާ ނުވީ. އަދި ވިދާޅުވީ މިނިސްޓަރުން ޗެކް ނުކުރުމަށް އަންގާފައި ނުވޭހޭ." މައުލޫމާތު ދިން ފަރާތުން ކިޔައިދިނެވެ.
ކައްްދޫ އެއަރޕޯޓުން ނޫނީ މިގޮތަށް ޗެކު ނުކުރާކަމަށާއި އެއީ ކީއްވެ ވާގޮތެއްތޯ ވެސް މިނިސްޓަރ މަހްލޫފު ސުވާލުކުރި ކަމަށް ތިލަދުން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
މިނިސްޓަރ މަހްލޫފު އެހެން ވިދާޅުވުމުން، ސެކިއުރިޓީ ޗެކިން ނުހެދުމަށް އޮންނަނީ ދައުލަތުގެ ވަކި ފަރާތްތަކެއް ކަަމަށް އަންގާފައިވާ ކަމަށް ސެކިއުރިޓީ ކޮމާންޑު އޮފިސަރ، މިނިސްޓަރ މަހްލޫފަށް ދެންނެވި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިނިސްޓަރ މަހްލޫފް ހަމަ އެ ފްލައިޓުން މާލެ ވަޑައިގެންނެވި ކަމަށާއި މާގިނައިރެއްނުވެ އެ މުވައްޒަފު (މިނިސްޓަރ މަހްލޫފް ކައްދޫއިން ޗެކްކުރި) މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކުރަން ކޮނާމްޑުގެ ވެރިން އަންގާފައިވާ ކަމަށެވެ. އަދި ސަސްޕެންޑު ކޮށްފައިވަނީ އަންހެން މުވައްޒަފެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު ގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު މައުސޫމް އަށް ތިލަދުން ނޫހުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އާއި، މެސެޖަށް އަދި ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!