ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމު ކުރިއެރުވުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.
ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި އަދި ފަށާ ސާނަވީ ތައުލީމު ރާއްޖެއިން އެންމެންނަށް ފޯރުކޮށްދީފައި ވީނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްރަށުގެ މެދުގައިވެސް ތަފާތުތަކެއް އެބަހުއްޓެވެ.
އެގޮތުން، ގްރޭޑް 4އާއި ގްރޭޑް 7ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ.
މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަހާއި، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ، އިގުތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށާއި ހަކަތަ އިގުތިސާދުކުރުމާއި ކުނި މަދުކުރުންފަދަ، ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒުކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫގެ އިތުރުން މި އެހީގެ ޒަރީއާއިން އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރުވެސް މިހާރަށްވުރެ ހަރުދަނާކުރާނެއެވެ. އަދި ހާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރުވެސް ރަނގަޅުކުރެވޭނެއެވެ.
މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފިކަމަށްވާ "އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)" އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!