މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ "ހެލްޕް ޕާކިސްތާން" ޓެލެތޯން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ޕާކިސްތާނާ ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގާތްގުޅުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޕާކިސްތާނަކީ ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިވެދޭ ޤައުމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި އިޖްތިމާޢީ އެކިއެކި ކަންކަމުގައި ޕާކިސްތާނުން ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

"ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވަނީ މީން ޒަމާނަކު އެ ޤައުމު ދެކިފައިނުވާ ފަދަ ހިތްދަތި ޙާލަތެއް. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މުޅި ޤައުމު ސުންނާފަތިވެފަ. މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވަނީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް، މި ޓެލެތޯނުގައި އެންމެހާ ދިވެހިން ބައިވެރިވުމަށް ވެސް ގޮވައިލައްވާފަ އެވެ.

މިއީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ދަޢުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ޕާކިސްތާނަށް އެހީވުމުގެ ގޮތުން މާލޭގެ 5 ސަރަޙައްދެއްގައި ފަންޑު ފޮށި ބަހައްޓާފައި ވެއެވެ. އެގޮތުން އާޓިފިޝަލް ބީޗު، ވިލިމާލޭ ފެރީ ޓަރމިނަލް، ދިވެހިރާއްޖޭގެ އަޑު، ޓީވީއެމް، ޖުމްހޫރީ ޕާކު އަދި ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ފަންޑު ފޮށި ވަނީ ބަހައްޓާފަ އެވެ.

މީގެ އިތުރުން ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމާއި ދިރާގު-ޕޭ އަދި އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

"ހެލްޕް ޕާކިސްތާން" ޓެލެތޯނަކީ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކުގެ ފެށުމެއް ކަމަށާއި، ޓެލެތޯން އެއް ދުވަހަށް ކުރިއަށްގެންދިޔަ ނަމަވެސް، ޕާކިސްތާނަށް އެހީވުމަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްއޮތްތަނުގައި ހިންގާނެކަމަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުނެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމާ ގުޅިގެން 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުން މަރުވި މީހުންގެ ޢަދަދު 1300 އަށްވުރެ މައްޗަށް އަރައެވެ.