ސިޙްރުވެރިންގެ ނުބައިކަން މުޖުތަމަޢުތަކާއި ފަރުދުންގެ މައްޗަށް ބޮޑުވުމުން، އެބައިމީހުންގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އެބައިމީހުންގެ ބޯކެނޑުމަށް ޙުކުމް އައިސްފައިވެއެވެ.
ޞަޙީޙް ބުޚާރީގައި ބަޖާލަތު ބުން ޢަބްދާގެ އަރިހުން ރިވާވެގެންވެއެވެ. އެބޭފުޅާ ވިދާޅުވިއެވެ. ޢުމަރު ބުން ޚައްޠާބު رضي الله عنه އެބޭފުޅާގެ މަސައްކަތު މީހުންނަށް ލިއުއްވިއެވެ. ތިޔަބައިމީހުން ކޮންމެ ސިޙުރުވެރި އަންހެނަކާއި ފިރިހެނަކު ޤަތުލުކުރާށެވެ.
އަދި ޙަފްސާ رضي الله عنها ގެ އަރިހުން އެކަމަނާއަށް ސިޙްރުހެދި އެކަމަނާގެ އަޅު އަންހެނެއް ޤަތުލު ކުރުމަށް އަމުރު ކުރުމުން ފަހެ، އެއަޅު އަންހެނާ ޤަތުލުކުރި ވާހަކަ ޞައްޙަ މަގުން އައިސްފައިވެއެވެ.
އަދި މިއީ ﷲއަށް ކާފަރުވެ ﷲގެ އަޅުތަކުންނަށް އުނދަގޫ ޖައްސާ މީހުންނަށް ދުނިޔޭގައި ލިބޭ ޖަޒާއެވެ. އަދި އާޚިރަތުގައި އޭނާއަށް ހުރި ޖަޒާއަކީ ފަހެ، ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ (البقرة: ١٠٢)
މާނައީ " އަދި ހަމަކަށަވަރުން އެތަކެތި ގަތްމީހުންނަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ."
އޭގެމާނައީ ސިޙްރުވެރިޔާއަށް އެއްވެސް ނަޞީބެއް ލިބިގެން ނުވެއެވެ. އަދި ކިއެއްތަ އޭނާއަށްވަނީ ނަރަކައިގެ ވޭންދެނިވި ޢާޛާބެވެ.
ސިޙްރުން އެބައިމީހުންނަށް އަޘަރުކުރުވާ މީހުން
ﷲއާ ކުއްތަންވެގެންވާ މީހާ އާފާތްތަކާއި ނުބައިކަންތައްތަކުން ދުރުވެގެން ވެއެވެ. އަދި އެމީހެއްގެ ރައްބާއި ކުއްތަންވެ، އެއިލާހުގެ މަތިން ގިނަގިނައިން ހަނދުމަކުރާ މީހާވަނީ އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްވެގެންވާ ކިއްލާއެއްގެ ތެރޭގައެވެ.
ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا (الإسراء ٦٥)
މާނައީ " ހަމަކަށަވަރުން، ތިމަންއިލާހުގެ އަޅުތަކުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެން ނުވެއެވެ. އަދި ވަކީލަކުކަމުގައި ކަލޭގެ ވެރިއިލާހު ފުދެއެވެ."
އަދި އަޅާ ﷲގެ މަތިން ހަނދުމަކުރުމުން ދުރުވެ، ނުވަތަ އޭނާގެ ވެރިއިލާއަށް އަޅުކަންކުރުން މަދުވެއްޖެ ހިނދު އެމީހާގެ މައްޗަށް ގަދަވެގަތުން ޝައިޠާނާއަށް ފަސޭހަވެގެންވެއެވެ.
ސިޙްރުގެ އަޘަރުކުރަނީ ﷲއަށް ކިޔަމަންތެރިވުމާއި އެއިލާހުގެ މަތިން ހަނދުމަ ކުރުމުން ދުރުވެގެންވާ ހިތްތަކުގެ މައްޗަށެވެ.
އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. (( ޢާއްމުގޮތެއްގައި ސިޙްރުން އަޘަރުކުރުވަނީ އަންހެނުންނަށާއި، ކުޑަކުދިންނަށާއި، ޖާހިލުންނަށާއި، ބާދިޔާތަކުގެ ( ރަށްފުށުގެ ) އަހުލުވެރިންނަށާއި، އެމީހާގެ ދީންވެރިކަމާއި ވަކީލުކުރުމާއި ތަޥްޙީދު ބަލިކަށި މީހާއަށާއި، ވާރިދުވެގެންވާ އިލާހީ ވިރުދުތަކުންނާއި ދުޢާތަކުން ރައްކާތެރިވުމުގެ ގޮތުން ކިޔުމަށް ވާރިދުވެގެންވާ ނަބަވީ ދުޢާކުރުމުގެ ނަޞީބު ލިބިފައި ނުވާ މީހާއަށެވެ. )) زاد المعاد (4/127)
އަންހެނުންނަކީ އެކަނބަލުން، އަޅުކަންކުރުން މަދުވުމާއި، އެކަނބަލުން ﷲގެ މަތިން ހަނދުމަ ކުރުން މަދުވުމުގެ ސަބަބުން ސިޙްރުގެ އަޘަރު އެންމެ ބޮޑަށް ކުރާ މީހުންނެވެ. އަދި ކުޑަކުދިންނާމެދުގައި މައިންބަފައިނާއި ބެލެހެއްޓުންތެރިން އެކުދިންގެ މައްޗަށް ކިޔަވަން ޖެހޭ ވިރުދުތައް ކިޔެވުމުގައި ފަރުވާ ކުޑަކޮށް އެކަން ނުކޮށް ދޫކޮށްލުމުގެ ސަބަބުން އެކުދިންނަށްވެސް ހަމައެފަދައިން (ސިޙްރުގެ އަޘަރު ) ކުރެއެވެ. އަދި ފަސާދައާއި އުރެދުންތަކާއި މުންކަރާތްތަކުގެ އަހުލުވެރިންނަށްވެސް ހަމައެފަދައެވެ.
އަދި އެބައިމީހުންގެ ގެތަށް މިއުޒިކުން ފުރާލާފައިވާ މީހުންނަކީ އެންމެ ގިނައިން ސިޙްރާއި އެސްފިންނާ ޖެހޭ މީހުންނެވެ. އެހެނީ ހަމަކަށަވަރުން މިއީ ނުބައިވެގެންވީ ނަފުސުތަކެކެވެ. އަދި އެބައިމީހުންވަނީ ރަޙްމާންވަންތަ އިލާހާ ދުރުވެ، އުރެދުންތަކާ ގާތްވެފައެވެ. ފަހެ، އެބައިމީހުންގެ މައްޗަށް އަޘަރުކުރުން ފަސޭހަވެގެންވެއެވެ. މިއާޚިލާފަށް ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަނެ، އެމީހެއްގެ ހިތް އެއިލާހުގެ މަތިން ހަނދުމަކުރުމުން ފުރިގެންވާ މީހާ ( ސިޙްރުގެ އާފާތުން ) ސަލާމަތްވެގެން ވެއެވެ. ފަހެ، ހަމަކަށަވަރުން މިފަދަ ޙާލެއްގައިވާމީހާ ދެކެ ޝައިޠާނާ ބިރުގަންނާނެއެވެ.
އިބިލީސް ބުނި ވާހަކައިގެ ޚަބަރު ދެއްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އެކަލޭގެ (އިބިލީސް ) ބުންޏެވެ. قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ﴿٨٣﴾ ص: ٨٢ – ٨٣
މާނައީ " އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާ ހުށީމެވެ. އެއުރެންކުރެ އިބައިލާހަށް އިޚްލާޞްތެރިވީމީހުން މެނުވީއެވެ."
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!