ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޑރ. މުޢިއްޒު މިހެން ވިދާޅުވީ އެއްގަމު އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ގަވާއިދާ އެއްގޮތަށް ނެތް ނަމަ، ޖޫރިމަނާކުރަން ފަށަން ނިންމުމާއި ގުޅިގެން އެކަމަށް އިޝަރާތް ކުރައްވާ ކުރެއްވި ޓްްވީޓެއްގަ އެވެ.

Ad
rt

އެ ޓްވީޓު ގައި މޭޔަރު ވިދާޅުވެފައި ވަނީ ޒުވާނުންނާއި ޢާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް ކަމަށާއި ނަންބަރު ބޯޑު ހުންނަންވާނީ ގަވާޢިދާއި އެއްގޮތަށް، ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ޙާލަތެއް އޮންނާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ ނަމްބަރު ޕްލޭޓްތައް ހުންނަ އުޅަނދުތައް އަންނަ އޮކްޓޯބަރ މަހުގެ 2 ވާ ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށަން ފުލުހުން ވަނީ ނިންމާފަ އެވެ.

ނަމްބަރު ޕްލޭޓްތައް ހުންނަން ޖެހެނީ އޭރިއަލް ބޯލްޑް ފޮންޓުން އަދި ހުދު ކުލައިގައި ކަމަށް ގަވާއިދު ބުނާއިރު، އަކުރުތައް ވެސް ހުންނަންޖެހޭނީ ވަކި ސައިޒެއްގަ އެވެ. އަދި ބޯޑު ހަރުކޮށްފައި ހުންނަން ޖެހެނީ ވެސް ވަކި ގޮތަކަށެވެ.

އެހެންނަމަވެސް ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ގަވައިދާ ޚިލާފަށް ހުރުމަކީ ވަރަށް އާންމު ކަމެކެވެ.