ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި އެވެ.
މިއީ ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން ފާދިއްޕޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ސްކޫލްތަށް ބައިވެރިވެގެން ކުރިއަށް ގެންދިޔަ މަހާސިންތާ އެކެވެ.
މި ސެޕްޓެމްބަރ މަހުގެ 27 އަދި 28 ގައި ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ ޖަލާލުއްދީން މާލަމުގައި ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 56 ބޭފުޅުން ވަނީ ބައިވެރިވެލައްވާފަ އެވެ.
ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ އަކީ ޅ. އަތޮޅުގެ ތަރަށްޤީގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމާއި ރަށްރަށުގެ ރަށުކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ ދަތިތަށް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުން އެއްބަސްވާ ސިޔާސަތުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު މަހާސިންތާއެކެވެ.
މީގެ އިތުރުން އެ އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާކުރުމާއި ރ. ވަންދޫއަށް ކުނި އުފުލުމުގައި ގޮންޖެހުންތައް ދެނެގަނެ ހުރިހާ ކައުންސިލްތަކާއި ކަމާއިގުޅޭ މުޢައްސަސާތަކަށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުމަކީ ވެސް މިމަހާސިންތާގެ މަޤްޞަދެކެވެ.
ހަމައެއާއެކު ޅ އަތޮޅުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސްކޫލްތަކާއި ގުޅިގެން ކައުންސިލްތަކަށް ހިންގިދާނެ ހަރާކާތްތައް ދެނެގަނެ އެކަންކަމާއިމެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ހިންގިދާނެ ހަރާކާތަކެއް ކަނޑައެޅުމަކީ މިމަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިމަހާސިންތާގައި ފާދިއްޕޮޅުގެ ހުރިހާ ރަށުކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، އަތޮޅު ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ވެރިން ބައިވެރިވެފައި ވެއެވެ. އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ޚާއްޞަ ދަޢުވަތަކަށް ވެމްކޯގެ ފަރާތުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް އާއި ވަންދޫގެ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ޝާން ވެސް މިމަހާސިންތާގައި ބައިވެރިވެ ލެއްވިއެވެ.
މީގެ އިތުރުން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް މަހާސިންތާގެ އިންފޮމޭޝަން ސެޝަންގައި ޅ އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުންނާއި ޅ އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ބައިވެރިވެ މަޢުލޫމާތު ޙިއްޞާކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!