ޔޯގާ މައްސަލައިގާ ފަތުވާ ނުނެރުނީ މައްސަލަ ބޮޑުވާނެކަމަށް ނުބެލެވޭތީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރު ޔޯގާގެ ހަރަކާތްތައް ސަރުކާރުން ރާއްޖޭގައި ފެށީއްސުރެ، މިހައިތަނަށް ވެސް އެ މައްސަލައަކީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ އެ މައްސަލައިގާ ޚިޔާލުތަފާތުވެފައިވީ ނަމަވެސް އެއްވެސް އިރެއްގައި ސަރުކާރުން ރައުޔެއް ނެރެފައި ނުވާ ކަމަށެވެ.

ދީނީ ގޮތުން ޚިލާފު އުފެދިފައިވާ ކަންތައްތަކުގައި ވަކި ގޮތެއް ކަނޑައަޅައި އެއީ ރަނގަޅު ގޮތް ކަމަށް އެއްވެސް އިރަކު އިސްލާމިކް މިނިސްޓްރީން ފަތުވާއެއް ނެރެފައި ނުވާނެ ކަމަށާއި އެފަދަ މައްސަލަތަކުގައި މިނިސްޓްރީން ހާމަ ކޮށްދެނީ، އިލްމުވެރިން ދެއްވާފައިވާ ރައުޔުތައް ކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޚިލާފު އުފެދިފައިވާ ދީނީ ކަންތައްތަކުގައި، ފަތުވާ ނެރެން ޖެހެނީ، ފަތުވާ މަޖިލިސް ނުވަތަ ފިގުހުއެކަޑަމީ ފަދަ ދީނީގޮތުން ބޮޑެތި ތަންތަނުން ކަމަށެވެ. އެހެންކަމުން ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ވަދެ، ހުރަސް އެޅުމުން ފުލުހުން ވަނީ ބަޔަކު ހަައްޔަރު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ދެ ބޭފުޅަކު ވެސް ހިމެނެ އެވެ.