އެސްޓެރޮއިޑް ނުވަތަ ޖައްވުގައި ދަތުރުކުރަމުންދާ އެކިވަރުގެ ގިނި ހިލަތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލުން ސަލާމަތް ކުރުމަށް ކުރެވުނު އެންމެ ފުރަތަމަ ތަޙްލީލުގެ ތެރެއިން ނާސާގެ ޖައްވީ އުޅަނދު، ކާމިޔާބުކަމާއިއެކު ގިނިހިލައެއްގައި ޖައްސައިފި އެވެ.

މިއުޅަނދު އެ ގިނިހިލައިގައި ޖައްސާފައިވަނީ 04:19 ހާއިރުއެވެ. މި މަންޒަރު ނާސާއިން ދިޔައީ މުޅިދުނިޔެއަށް ލައިވް ކުރަމުންނެވެ. އެތައް މިލިޔަން ބަޔަކު މިމަންޒަރު ވަގުތުން ބަލާފައިވެއެވެ.

Ad
rt

ގިނިހިލައިގައި މި އުޅަނދު ޖެހުުގެ ކުރިން ގިނިހިލައިގެ ވަރަށް ސާފު މަންޒަރުތަކެއް އޭގައި ހަރުކޮށްފައިވާ ކެމެރާއިން ދުނިޔެއަށް ވަނީ ލައިވްކޮށްފަ އެވެ. ގިނިހިލައިގައި އުޅަނދު ޖެހުމާއި އެކު ސިގްނަލް ވަނީ ކެނޑިފަ އެވެ.

ނާސާގެ ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (ޑާޓް) މިޝަން ސްޕޭސްއެކްސް ފަލްކަން 9 ގެ ޖައްވަށް ފޮނުވާލީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 308 މިލިއަން ޑޮލަރުގެ މި ޖައްވީ އުޅަނދު ދުނިޔޭން 6.8 މިލިއަން މޭލު ދުރަށް ދަތުރުކޮށްފައި ވަނީ އެސްޓްރޮއިޑް ޑިޑިމޯސް ވަށައިގެން ދަތުރުކުރާ ކުޑަ އެސްޓްރޮއިޑެއް ކަމަށްވާ ޑިމޯރފޯސްއާ ހަމައަށެވެ. އެ އުޅަނދު ދަތުރުކޮށްފައިވަނީ ގަޑިއަކު ގާތްގަނޑަކަށް 14،000 މޭލުގެ ބާރުމިނުގައެވެ.

މިއީ ޖައްވުގައި މިފަދަ ތަޙްލީލެއް ކުރި ފުރަތަމަ ފަހަރެވެ. ނާސާއިން ބުނާ ގޮތުގައި މި މިޝަންގެ ބޭނުމަކީ ދުނިޔެއާއި ދިމާއަށް އަންނަ ބޮޑެތި ގިނިހިލަތަކުން ދުނިޔެ ސަލާމަތް ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމެވެ. މިކަން ކާމިޔާބު ވެއްޖެ ނަމަ ދުނިޔެ އާއި ދިމާއަށް އަންނަ ގިނިހިލަތައް މިސްރާބުން ކަސިޔާރުކޮށްލުމަށް މި ޓެކްނިކް ބޭނުންކުރާނެއެވެ.

ކާރެއްގެ ސައިޒުގެ މި ޖައްވީއުޅަނދު މި ގިނިހިލައިގައި ޖައްސާ ގޮއްވާލާފައިވާއިރު މިކަމުގެ ބޭނުމަކީ އެ ގިނިހިލަ ދަތުރުކުރާ ބާރު މިނާއި ބައެއް ސިއްރުތައް ދެނެގަތުމެވެ.

އެގޮތުން ގިނިހިލައިގެ މިސްރާބު ބަދަލުވޭތޯ އާއި ބަދަލުވާނަމަ މިސްރާބު ބަދަލު ކުރަން ކުރެވޭނެ ކަންކަން ދެނެގާންނާނެ އެވެ. މި މައުލޫމާތުތައް ދުނިޔޭގެ ހުރިހާ ސްޕޭސް ސްޓޭޝަން ތަކުން ބަލާނެ އެވެ.

އަދި އެ ކްރާފްޓުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި އަންނަ އަހަރު ޔޫރަޕިއަން ސްޕޭސް އެޖެންސީން އިފްތިތާހު ކުރާ ހީރާ މިޝަންގައި އިތުރު މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން ހީރާ މިޝަން އެ ހިލަކޮޅާއި ހަމައަށް ދަތުރު ކުރާނީ 2026 ވަނަ އަހަރު އެވެ.

ހިލަކޮޅަށް ހީރާ ފޮނުވާއިރު އޭގައި ކެމެރާ، ރާޑާރު، އޭގެ ސައިޒް ބެލުމަށް ސެޓެލައިޓް އަދި ހިލަކޮޅުގައި ކެމިކަލް ހުރި ވަރު ދެނެގަންނަ އާލާތްތައް ހަރުކޮށްފައި ހުންނާނެ އެވެ.

މި ގިނި ހިލަ ދަތުރުކުރަމުންދަނީ ޖުޕިޓާ އާއި މާސް އާއި ދޭތެރޭގައި އެވެ. މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ގެއްލުމެއް ވެދާނެކަމަށް ނުބެލެވުނަސ،ް ދުނިޔެއަށް އޮތް ބިރަކީ މިފަދަ ގިނިހިލައެއް ދުނިޔެއަށް ވެއްޓިއްޖެ ނަމަ ލިބޭ ގެއްލުން ބޮޑުވުމެވެ. އޭގެ މިސާލަކީ 2013 ވަނަ އަހަރު ރަޝިއާގެ ބައެއް ސަރަހައްދުތަކަށް ޖައްވުން ވެއްޓުނު ގިނިހިލަތަކުގެ ސަބަބުން 1،500 އަށްވުރެ ގިނަ މީހުން ޒަހަމްވުމެވެ.

މިއިވެންޓް ނާސާގެ ވެބްސައިޓުން ލައިވް ކުރާނެއެވެ. އެއީ ރާއްޖެ ގަޑިން 27 ވަނަ ދުވަހުގެ ދަންވަރު 02:30 ހާއިރު އެވެ.