ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާއިބެހޭ ގާނޫނުގައި އޮތުމުން އެކަމާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ގާނޫނު އިސްލާހުކުރަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއާއިމެދު ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންބޮޑުވުންތައް ހިމަނައި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސްވެ އޮވެ، 158 ނޫސްވެރިން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. މި ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް ރައީސް މި ބިލް ރައީސް ތަސްދީގު ކުރެއްވީ، މިދިޔަ ޖުލައި 18 ވަނަ ދުވަހުއެވެ.

Ad
rt

މި ގާނޫނުގެ 136 ވަނަ މާއްދާގައި މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރަންޖެހޭ، ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް ބުނެދީފައިވާއިރު، އެ ގާނޫނު މިހާރު އޮތްގޮތުން، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކަކީ ކޮބައިކަމެއް ތަފްސީލު ކޮށްދީފައި ނުވުމުން ކަމަށް އަންނަނީ ބުނަމުންނެވެ.

އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާބެހޭ ގާނޫނުގައި ލާޒިމްކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ އެކަން ކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ހެއްކާއިބެހޭ ގާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަބޫރުވާގޮތަށް އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ގާނޫނު އިސްލާހުކުރަން ނިންމަވާފައިވާ ކަމަށް، ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ގާނޫނުގެ މި މާއްދާއާއިމެދު ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.