މިދިޔަ އަހަރު އިސްރާއީލް ސިފައިން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ ދުވަސް ވަރު ފަލަސްތީނުގައި ފޭސްބުކް ބޭނުން ކުރި ކަސްޓަމަރުންގެ ހައްގުތަކަށް އެ ކުންފުނިން އަރައިގެންކަން ފަޅާއަރައިފި އެވެ.

މިކަން ހާމަ ކުރީ ބައިނަލްއަގުވާމީ ކުންފުންފުންޏެއް ކަމަށްވާ ބިޒްނަސް ފޯ ސޯޝަލް ރެސްޕޮންސިބިލިޓީން ހެދި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގައި އެވެ. އެމީހުންގެ ހޯދުންތަކުން އެނގުނު ގޮތުގައި އިސްރާއީލް - ފަލަސްތީންގެ މައްސަލަތަކުގައި އަމަލު ކުރާނެ ވަކި އުސޫލުތަކެއް ފޭސްބުކް ހިންގާ މެޓާ ކުންފުނިން ގެންގުޅެ އެވެ.

Ad
rt

އެގޮތުން އަރަބި ކޮންޓެންޓާއި އިސްރާއީލާއި ފަލަސްތީނުގެ ބައެއް ސަރަހައްދުތަކުގެ މީހުން ވާހަކަދައްކާ ހިބްރޫ ބަސް ބޭނުން ކުރާ ކަސްޓަމަރުންނަށް ހަރަކާތްތައް ބޭނުން ވުމުން ލިމިޓު ކުރެ އެވެ.

މިގޮތަށް އަމަލު ކުރުމުގައި ވަކި ގަވައިދެއް މެޓާއިން ގެންގުޅޭކަން ފާހަގަ ނުވި އިރު މިއީ ވަކިވަކި މުވައްޒަފުން ހަދާ ގޮތެއް ކަމެއްވެސް ދިރާސާގައި ނޭނގުނެވެ. އަދި މެޓާއިން ނަސްލީ ތަފާތު ކުރުން ނުވަތަ ދީނީ ތަފާތު ކުރުން ގެންގުޅޭކަންވެސް ފާހަގަވެފައެއް ނުވެ އެވެ.

ނަމަވެސް ޖުމްލަކޮށް ފަލަސްތީން ރައްޔިތުން ފޭސްބުކްގައި ކުރި ޕޯސްޓުތަކާއި ހިއްސާ ކުރި ފޮޓޯ އަދި ވީޑިއޯތައް ގަވައިދާ ހިލާފުވި ކަމަށް ބުނެ ނުފެނުމުގެ މައްސަލަތައް ދިމާވެފައިވާތީ އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް މެޓާއިން އަރައިގަތީ ކަމަށް ނިންމީ ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާއަށް ރައްދު ދެމުން މެޓާއިން ބުނީ އެފަދަ ޕޯސްޓުތައް ޑިލީޓުވެފައިވަނީ އޮޓަމެޓިކް ފީޗާއެއްގެ ސަބަބުން ކަމަށެވެ. އަދި އިތުރަށް އެކަންކަން ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއްވެސް ފޭސްބުން ޔޫސާއަކަށް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

އެކުންފުނިން މިހެން ބުނި އިރު މިދިޔަ އަހަރު މެއި މަހު އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން އިންސްޓަގްރާމްގައި ފަލަސްތީން ރައްޔިތުން ބޭނުން ކުރަން ފެށި "އަލްއަގްސާ" ހޭޝްޓެގު ބޭނުން ނުކުރެވޭ ގޮތް މެޓާއިން ހެދި އެވެ. ފަހުން އެކަމަށް މައާފަށް އެދި ބުނީ އަލްއަގްސާ އަކީ ގާޒާގައި ހަރަކާތްތެރިވާ ފަތަހަ ޖަމާއަތަށް ނިސްބަތްކޮށް ބޭނުން ކުރާ ބަހެއް ކަމަށް ހީކުރެވުނީ ކަމަށެވެ.

މެޓާގެ މި ބަހަނާތައް ދޮގުކޮށް އެ ކުންފުނީގެ ނޯތް އެމެރިކާ އާއި މިޑްލް އީސްޓުގެ ކުރީގެ ހެޑް އޮފް ޕޮލިސީ އަޝްރަފް ޒައިތޫން އާއި ހަވާލާދީ މިދިޔަ އަހަރު ބައިނަލްއަގުވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނާއި އިސްރާއީލްގެ މައްސަލަތައް އިތުރުވާ ދުވަސްކޮޅެއްގައި ނަމަ ފޭސްބުން އަދި އިންސްޓަގްރާމްގައި ހުރިހާ ކަމެއް ނިމިފައި ހުންނާނީ އިސްރާއީލަށް ނަފާވާ ގޮތަށް ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު 11 ދުވަސް ވަންދެން އިސްރާއީލުން ގާޒާއަށް ހަމަލާ ދިނީ ހަމާސް ޖަމާއަތަށް ދޭ ހަމަލާތަކެއްގެ ނަމުގައިއެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 40 އަށްވުރެ މުސްލިމުން ޝަހީދު ކޮށްލާފައިވެ އެވެ.