ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ލިޔުންތައް ސައްހަ ނޫން ކަމަށް އެމަނިކުފާނުގެ ކުރީގެ ބައެއް ވަޒީރުން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

އާރަށް މައްސަލާގައި ޔާމީނާއި މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގައި ދައުލަތުން ހުށަހެޅީ އެރަށް ކުއްޔަށް ދިނުމާ ބެހޭގޮތުން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެކެވެ.

Ad
rt

އެ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ހެކިބަސް ދެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މިހާރު މެމްބަރު މުހައްމަދު ސަައީދާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު ޒުހޫރާއި ރައީސް އޮފީހުގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒެވެ.

ސައީދާއި ޒުހޫރު ވެސް ހެކިބަސް ދެއްވީ އެ ޔައުމިއްޔާތައް ސައްހަ ނޫން ކަމަށް ވިދާޅުވެ އެވެ. އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ސައީދާއި ޒުހޫރުގެ ނަން އޮތަސް، އެ ބޭފުޅުންގެ ސޮޔެއް ނެތެވެ. އެ ދެ ބޭފުޅުން ވިދާޅުވީ ބޭއްވި ބައްދަލުވުމެއްގައި ނަމަ، ހުރިހާ ޔައުމިއްޔާއެއްގައި ސޮއި ކުރައްވާފައިވާނެ ކަމަށެވެ.

މުޖްތާޒް ހެކިބަސް ދެއްވީ އޭރު ރައީސް އޮފީހުން ލިޔުންތައް ސޮއިކުރުމާ ބެހޭގޮތުންނެވެ. ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް ދަށަށް އާރަށް ބަދަލުކުރި ލިޔުމުގައި ސޮއިކޮށްފައި އޮތީ އޭރުގެ އަންޑަ ސެކެޓްރީ މޫސާ ފަތުހީ އެވެ.

މުޖްތާޒް ހެކިބަސް ދެއްވީ ރައީސް އޮފީހުގެ އެންގުންތައް ހިމެނޭ ސިޓީތަކުގައި ސޮއިކުރުމުގެ ހުއްދަ މޫސާ ފަތުހީއަށް ނޯންނާނެ ކަމަށް ވިދާޅުވެ އެވެ.

އެ މައްސަލާގައި ދެން އޮންނާނީ ހެއްކާބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމެވެ. އެ އަޑުއެހުން ފަސްކޮށްދޭން ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން އެދުނެވެ. އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ފަސްކޮށްދެވެން އޮތްނަމަ، އެކަން ކުރައްވާނެ ކަމަށެވެ. އެހެން ނޫންނަމަ، އަންނަ ބުރާސްފަތި ދުވަހު އަޑުއެހުން އޮންނާނެ އެވެ.