އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށްވާ އަލަމްގީރް ގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އިއުތިރާފްވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 28 ވަނަ ބުދަ ދުވަހު އޮންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާ އިއްވުން ކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުން އޮންނާނީ މިމަހުގެ 28 ދުވަހު ކަމަށެވެ.

Ad
rt

ޕީޖީ އޮފީހުން ވިދާޅުވީ މިއިން ކޮންމެ ދައުވާއެއްގެ ހުކުމަކީ 27 ދުވަހަށް ޖަލަށްލުން ކަމަށެވެ. އެހެންކަމަށް ވެއްޖެނަމަ 40 ދައުވާއަށް 1080 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުންކަމުގެ ކުށް ސާބިތުވެ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒްކުރަމުން ނެވެ.

އެ މައްސަލައިގައި އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހީމް ރާފިއު (ދޮންދިގު) ގެ މައްޗަށް ވެސް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.

ކުށުގެ އަދަބެއްގެ ގޮތުން އަބްދުއްރަހީމް ރާފިއު، އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، ނާޒިމް ސައްތާރަށް އިއްވާފައިވަނީ 4 މަސް ދުވަހު ގޭބަންދުގައި ހުރުމަށެވެ.

އަލަމްގިރް ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު، ވީޑިއޯތައް ލީކްކޮށް ބްލެކްމެއިލްކޮށްގެން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ ބަޔަކު ފުލުހުންވަނީ ހައްޔަރުކޮށްފަ އެވެ.