ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.
ފެންނަން ހުރި ހަޤީޤަތަކީ ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްޤީއަކީ, މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް ކަމަށް ވެސް މިނިސްޓަރ ގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޑަކްޓްސް އާއި އެކު އެއްބަސްވުމުގެ ސޮއި ކުރުމަށް މާދަމާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު މާލޭގައި ކަމަާއި މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރާއި ދައުލަތުގެ އިސް އޮފިޝަލުންނާއި ޝެއަރހޯލްޑަރުން ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ.
136.6 މިލިއަން އެމެރިކާ ޑޮލަރަށް މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކޮށްފައިވާއިރު، މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ނެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެ އެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކުރާނެ އެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުން ޚިދުމަތް ދެވޭއިރު، މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ވެސް ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!