އެކިި ގައުމުތަކުގައި ހުންނަ ތަފާތު ކަންކަން ބަލާލުމަށް ދުނިޔެ ވަށާ ބުރު ޖެހުމާއި ގިނަ ގައުމުތަކަށް ދަތުރު ކުރުމަކީ ބައެއް މީހުން ލޯބި ކުރާ ކަމެކެވެ.

މިގޮތަށް ދަތުރު ކުރާ މީހުން އާންމުކޮށް ދަނީ ގައުމުތަކު ސަގާފަތާއި ކެއުން ތަޖުރިބާ ކުރާށެވެ. އެކަމަކު މިފަހަރު ދުނިޔެ ވަށާ ބުރެއް ޖަހާލާފައިިވަނީ އެންމެ މުޑުދާރު ފާހާނާ ހޯދުމަށެވެ.

Ad
rt

އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމުގައިވާ އުމުރުން 85 އަހަރުގެ ބްލޮގަރު ގްރަހަމް އަސްކޭ ވަނީ އެންމެ މުޑުދާރު އާންމު ފާޚާނާ (ޕަބްލިކް ޓޮއިލެޓް) ހޯދުމަށް 165،000 އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ދުނިޔޭގެ 91 ގައުމަކަށް ދަތުރު ކޮށްފަ އެވެ.

އެ ދަތުރުތަކުގެ މި ތަޖުރިބާތަށް އޭނާ ހިއްސާ ކޮށްފައިވަނީ މަޝްހޫރު ޑެއިލީ މެއިލް އާއި އެވެ.

އޭނާއަށް ފެނުނު ފާޚާނާތަކުގެ ތެރެއިން އެންމެ މުޑުދާރު ފާޚާނާ ހުރީ ތަޖިކިސްތާނުގައި ކަމުގައި އޭނާވަނީ ބުނެފަ އެވެ. އެ ފާޚާނާ ސިފަކޮށްދެމުން އޭނާ ބުނީ އެތަން ހަދާފައި ހުރީ ފަސް ފޫޓުގެ ލަކުޑި ބުރިތަކެއް ބޭނުން ކޮށްގެން ހަދާފައި ހުރި ސްޓޯލްއެއް ގޮތަށެވެ. ހަތަރު ފަރާތް ނިވާކޮށްފައި ހުރީ ވީރާނާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާ ހަތަރު ގަނޑު ފޮތިންކަމަށެވެ.

ފާޚާނާގެ ނަމުގައި ހަދާފައިވާ އެ ގޮޅީގެ އިތުރުން ބޭރުގައޮވެސް އޮތީ ހަރުވެ، ހިކިފަ ހުރި ބޮޑުކަމުދާ ތަކެއްޗެވެ. އެ އެއްޗެހީގެ ވަށައިގެން މީދަލާއި ހަރުފަތަށް އުޅެ އެވެ. އެ ފާޚާނާ އެހާލުގައި ހުއްޓަސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެތަން ބޭނުން ކުރާ ކަމަށް ބުނެފައިވެ އެވެ.

ހަތަރު ފަރާތް ނިވާ ކުރުމުގެ ގޮތުން ޖަހާފައިވާ ފޮތިތައް އެގޮތަށް ހުރުމުގެ މައިގަނޑު ސަބަބަކަށް ވެފައިވަނީ ފާޚާނާ ކުރުމަށް ފަހު ސާފުވެވޭނެ ފެން ނުވަތަ ޓިޝޫ ފަދަ އެއްޗެއް ނެތުމުން މީހުން އެ ފޮތިތަކުން ފޮހޭތީ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ބައެއް ގައުމުތަކުގެ ވަރަށް ހާލަތުދަށް ފާހާނަ ހުއްޓެކެވެ. ނަމަވެސް އެވަރު ކަމެއް އޭނާ ނުދެކެ އެވެ.

ދެން ފާހަގަވި ބައެއް ފާޚާނާތަށް ސިފަކޮށްދެމުން ގްރަހަމް ބުނީ އެފްރިކާގެ ގައުމެއް ކަމަށްވާ ބެނިންގައި ފާޚާނާ ތައްޓެއްގެ މަތި ޖަހާފަ ފާޚާނާއަކަށް ހަދާފައި ހުރީ ބާލިދީއެއް ކަމަށެވެ. ބަންގްލަދޭޝްގައި ފާޚާނާ ތައްޓެއްގެ ގޮތުގައި ސިންކެއް ހަދާފައި ހުރި އިރު ޗައިނާގައި އަވަށަކުން ބާތް ޓަބެއްވެސް ފާޚާނާ ތައްޓެއްގެ ގޮތުގައި ބޭނުން ކުރަން ހުރި ކަމަށެވެ.

ތަފާތު ފާޚާނާއެއްގެ ގޮތުގައި އޭނާއަށް ފެނުނީ އިންޑޮނީޝިއާގައި ހަދާފައި ހުރި ފާޚާނާ އެކެވެ. އެތަން ހަދާފައި ހުރީ 10 ފޫޓު އުހުގައި އެވެ. އެތަނަށް ދާން ޖެހެނީ ސިޑިއެއް ގޮތަށް ޖަހާފައި ހުރި ދިގު ދަނޑިތަކެއްގެ މަތީގައި އަޅާފައި ހުރި ފިލާތަކެއްގެ މަތިން ނެވެ.

އޭނާ ބުނީ ދަތުރުގައި ދެވުނު ބައެއް ތަންތަނުގެ ކައިރިޔަށް ގޮސް އެތަންތަން މުޑުދާރު ކަމުންނާއި ދޮވާވަހުން ހޮޑުވެސް ލެވުނު ކަމަށެވެ. އަދި އޭނާ އާންމު ކުރި ފޮޓޯތައް ފެނުނު ބައެއް މީހުންވެސް ހޮޑުލިއެވެ.

ބައެއް މީހުން ހޮޑުލިޔަސް އޭނާއަށް ނެގުނު ފޮޓޯތަކަށް މަޝްހޫރުކަން ލިބުމުން އޭނާގެ ބްލޮގް ގައިވަނީ ދުނިޔޭގެ އެންމެ މުޑުދާރު 36 ފާޚާނާއެއްގެ ފޮޓޯ ހިމަނާފަ އެވެ. ގަދަ 36 ފާޚާނާގެ ފޮޓޯ އެކުލަވާލައިގެން "ޓޮއިލެޓްސް އޮފް ދަ ވައިލްޑް ފްރޮންޓިއާ" ގެ ނަމުގައި ފޮތެއް ނެރުމަށްވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނިއުޔޯކްޕޯސްޓް އަށް ދިން އިންޓަރވިއުއެއްގައި އޭނާ ބުނެފައިވަނީ މިފަދަ ހާލަތެއްގައި މީހުން އުޅެން ޖެހުމަކީ ހިތާމަކުރާކަމެއް ކަމަށާއި އޭނާގެ މިމަސައްކަތުން މިކަމަށް ޖޯކްޖަހައި ނިންމާލުމުގެ ބަދަލުގައި މިފަދަ ފަރާތްތަކަށް އެހީތެރިވެދީ އެފަރާތްތަކުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިފާހާނަތައް ބޭނުންކުރާ ފަރާތްތަށް ހުށައެޅިފައިވަނީ ސިއްހީ ނުރައްކަލެއްގެ ތެރެއަށްކަން ފާހަގަކަކުރާކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2.6 ބިލިއަން މީހުން ދިރިއުޅެނީ އެކަށީގެންވާ ފާޚާނާއެއް ނެތިއެވެ. މިކަމުގެ ސަބަބުން ކޮލެރާ ފަދަ ނުރައްކާތެރި ބަލިތައް ގިނަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

“ދުނިޔޭގެ އެންމެ މުޑުދާރު ފާޚާނާ” ހޯދުމަށް ގްރެހަމް ކުރި މިދަތުރުތަކާއި އެކު ޔަގީނުންވެސް ދުނިޔޭގެ މީޑީޔާތައް ސިއްސުވާލައިފި އެވެ. އޭގެ ސަބަބުން އޭނާ އުއްމީދު ކުރަނީ އެތައް މިލިއަން ބަޔަކަށް ކުރިމަތިވެފައިވާ، މި އާންމު ސިއްހަތުގެ މައްސަލައަކަށް ސަމާލުކަން ލިބޭނެ ކަމަށެވެ.