މާލޭގެ ގެއެއްގައި ހިނގި ޒުވާބެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ މާލެ ގެއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައެއް އިއްޔެ ހަވީރު 16:20 ގައި އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއީ އާއިލާ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށް މިހައިތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

Ad
rt

ފުލުހުން ވިދާޅުވީ މި ހަމަނުޖެހުމުގައި އެއްޗަކުން ބޮލު ޖެހުމުގެ ސަބަބުން ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަގޮތުގައި އަންހެނަކު ވަޅިއަކުން ފިރިހެނަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ. އަދި އަންހެން މީހާ ވަޅިން ހަމަލާދޭން މަސައްކަތް ކުރަން ފެށުމުން އޭނާ ހުއްޓުވަން އެތާތިބި އެހެން ބަޔަކު އޭނާ ހުއްޓުވަން މަސައްކަތް ކުރެ އެވެ.

ނަމަވެސް އަންހެން މީހާ ވަޅި ހޫރުވަމުން ހޫރުވަމުން ގޮސް ފިރިހެން މީހާއަށް ހަމައަށް ދޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އަދި ފިރިހެން މީހާގެ ބޯ ޒަހަމްވެ، ބޮލުން ލޭ ފައިބަމުން ދިޔަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.