ފާއިތުވި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު، ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލައެއް އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ.

އޭޕްރިލް ނުވަވަނަ ދުވަހު ކުޅުނު އެ މެޗުން ޔުނައިޓެޑް ބަލިވުމުން ގަދަ ހަތަރެއްގައި އެ ޓީމް ލީގު ނިންމައި މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅުމަށް ދެކެމުން އައި ހުވަފެނަށް ބޮޑު ހުރަހެއް އެޅިގެން ދިޔައެވެ. ޔުނައިޓެޑުން ލީގު ނިންމާލަން ޖެހުނީ ވެސް ގަދަ ހަތަރެއްގެ ފުރުޞަތު ނުލިބި ހަވަނާގައި އޮވެއެވެ.

Ad
rt

އެވަޓަންގެ ދަނޑުގައި ކުޅުނު އެ މެޗު ނިންމާލުމަށް ފަހު ޓަނަލްއަށް ރޮނާލްޑޯ ވަންނަން ދިޔަ ވަގުތު އެވަޓަންގެ ސަޕޯޓަރަކު ރޮނާލްޑޯ ވީޑިއޯ ކުރަން މަސައްކަތް ކުރުމުން، ރޮނާލްޑޯ ވަނީ އެ ފޯނު އަތުލައި ބިންމަތީގައި ޖަހައި ހަލާކު ކޮށްލާފައެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އޭރު އާންމުވެ ގިނަބަޔަކު ފާޑު ކިޔުން އަމާޒުވުމާއި ގުޅިހެން ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މާފަށް އެދިފައެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭރު ބުނެފައި ވަނީ، ކުރިމަތިވާ ދަތި ވަގުތުތަކުގައި ޖަޒުބާތުތަކާ ކުރިމަތިލާން ފަސޭހަ ނޫން ކަމަށެވެ. އެހެން ނަމަވެސް، އަބަދުވެސް އެހެން މީހުންނަށް އިހުތިރާމްކޮށް، ކެތްތެރިވެ، މި ރީތި ކުޅިވަރަށް ލޯބިކުރާ ހުރިހާ ޒުވާނުންނަށް ނަމޫނާ ދައްކަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް މާފަށް އެދި އޭރު ރޮނާލްޑޯ ވަނީ ފެއާޕްލޭގެ ނިޝާނެއްގެ ގޮތުން އެ ސަޕޯޓަރަށް އޯލްޑް ޓްރަފޯޑަށް މެޗެއް ބަލައިލަން ފުރުބަތު ދޭން ބޭނުންވާ ކަމަށް ބުނެފައެވެ. ފަހުން ރޮނާލްޑޯ ވަނީ އެ ސަޕޯޓަރަށް އެ ފުރުޞަތު ވެސް ހޯދައި ދީފައެވެ.

މި މައްސަލައާއި ގުޅިގެން އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ ކުޅުންތެރިންގެ ޑިސިޕްލިނަރީ ކޮންޑަކްޓާ ހިލާފުވާނަމަ މައްސަލަ ބެލޭނެ ކަމަށާއި އެ ގޮތުން ރޮނާލްޑޯ، އެވަޓަން ސަޕޯޓެއްގެ ފޯން ހަލާކުކޮށްލި މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރޮނާލްޑޯ ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ބުނެފައި ވަނީ މި މައްސަލައާއި ގުޅިގެން ކުލަބުން ރޮނާލްޑޯއަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށެވެ.