އަރައިގެން ހުރި ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލާގައި ދައުލަތުން މުހިންމު ލިޔުމެއް ހުށަނާޅާ ކަމަށް ބުނެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2013 ވަނަ އަހަރު ވެލާނާ އެއާޕޯޓުން ދެ ދިވެއްސަކު ހައްޔަރުކޮށް، ދައުވާކުރީ އެ މީހުން އިންޑިއާއިން އައިއިރު އޭގެ ތެރެއިން އެކަކު އަރައިގެން ހުރި ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުމުންނެވެ.

Ad
rt

ކްރިމިނަލް ކޯޓުން އިއްޔެ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ އެ މަސްތުވާތަކެތި ހޯދި ތަނާއި ވަގުތު އެނގޭ ގޮތަށް ޗެއިން އޮފް ކަސްޓަޑީ ލިޔުން ހުށަހަޅާފައި ނެތުމުންނެވެ.

އެ ލިޔުމަކީ ޑްރަގް ހޯދުމަށްފަހު އެތަކެތި ނަގާ ފުލުސް މީހާ އާއި ވަގުތާއި އަދި ފުލުހުންގެ އެކަކު އަތުން އަނެކަކު އަތަށް އެތަކެތި ދައުރުވަމުންދާ ގޮތް ބަޔާންކުރާ ލިޔުމެވެ. އެ ލިޔުން ނެތުމުން ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލާގައި ފެނުނު ކަމަށް ބުނާ ތަކެއްޗަކީ އެ މީހާގެ ބޫޓު ތެރެއިން ފެނުނު އެއްޗެއްކަން އެނގޭނެ ގޮތެއް ނެތް ކަމަށެވެ.

ޗެއިން އޮފް ކަސްޓަޑީ ނެތުމަކީ ކުށް ސާބިތުނުވާނެ ސަބަބެއް ކަމަށް ހައިކޯޓުން ކުރިން ނިންމާފައިވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.