ފޯނުން ބޭނުންކޮށްގެން، ނަހަމަ ގޮތުގައި މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކުރާނަމަ ސައުދީގައި ވަރުގަދަ އަދަބެއް ދެނީ
މޮބައިލް ފޯނު މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ސައުުދީ އަރަބިއްޔާގައި ނިންމައިފި އެވެ.
އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަންއިން ނެރުނު ބަޔާނަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މޮބައިލް ފޯނު ކެމެރާ އަދި އެ ނޫންވެސް އެފަދަ އާލާތްތައް ބޭނުން ކޮށްގެން މީހުންގެ ޒާތީ މައުލޫމާތު ހޯދުމަކީ ގާނޫނީ ކުށެކެވެ.
އެފަދަ އަމަލުތައް ހިންގާ މީހުންނަށް ޖަލު ހުކުމަކާއި އެކު ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ.
ޖަލަށް ހުކުމް ކުރަނީ ގިނަވެގެން އެއް އަހަރަށެވެ. އަދި އެފަދަ މީހުންނަށް ފަސް ލައްކަ ރިޔާލަށްވުރެ މަތި ނޫން އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި އާންމުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކަމާއި އެކު ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން ހޯދައިދިނުމަކީ ސައުދީ ގާނޫނު ނެގެހެއްޓުމުގައި އިސްކަން ދޭ ކަމެއް ކަމަށެވެ.
ސައުދީން މި ފަހުން ދަނީ ތަފާތު ގާނޫނު ތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ގައުމީ ދިދަ އާންމުންނާއި ވިޔަފާރިތަކުން ކަންކަން ޕްރޮމޯޓު ކުރުމުގައި ބޭނުން ކުރުން މަނާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!