މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީގެ އެންމެ މަތީ އިމާމު ޝެއިހް އަހުމަދު އަލް ތަޔިބްގެ އެޑްވައިޒަރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކޮށްފި އެވެ.

އެ މަގާމަށް އައްޔަން ކޮށްފައިވަނީ ޑރ. ނަހުލާ އަލް ސައީދީ އެވެ. ޑރ. ނަހުލާ އައްޔަން ކޮށްފައިވަނީ އިންޓަނޭޝަނަލް އެފެއާޒްގެ އެޑްވައިޒަރަކަށެވެ. އެމަގާމާއި ހަވާލުވިކަން ނަހުލާ ވަނީ ފެސްބުކްގައި ހާމަކުރައްވާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

Ad
rt

އޭނާ ސީބީސީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ މަގާމުގައި އަދާ ކުރަން ޖެހޭނީ ޒިންމާ ބޮޑު މަސައްކަތެއް ކަމަށެވެ. އެމަގާމަށް އޭނާ އައްޔަން ކުރުމަކީ އަންހެނުންނަށް މުހިންމު ރޯލެއް އެ ޔުނިވާސިޓީގައި އަދާ ކުރެވޭނެކަން އިމާމު ޝެއިހް އަހުމަދު ހާމަކޮށްދިނުން ކަމަށެވެ.

މިދިޔަ އަހަރު ތަކުގެ ތެރޭގައި އެ ޔުނިވާސިޓީއަށް ވަނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުގެ ނުރުހުން އަމާޒުވެފައި އެވެ. މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ އަންހެނުންނާއި މެދު އަޒްހަރު ޔުނިވާސިޓީގައި ގެންގުޅޭ އުސޫލުތައް ތަފާތުވުމެވެ.

100 އަހަރު އިސްލާމީ ތައުލީމު ފޯރުކޮށްދިނުމުގެ ބޮޑު ތާރީހެއް އޮތް އަލްއަޒުހަރު ޔުނިވާސިޓީއަށް މިގެނައި ބޮޑު ބަދަލަކީ އެގައުމުގައި އެކުލަވާލާފައިވާ ސްޓްރެޓަޖީ އާއި އެއްގޮތަށް 2030 ވަނަ އަހަރު އަންނަން ވާއިރަށް އަންހެނުން ބާރުވެރި ކުރުވުމަށް އެޅި ފިޔަވަޅެކެއް ކަމަށް މިސްރު މީޑިއާއިން ބުނެ އެވެ.

މި އަމާޒަށް ވާސިލްވުމަށް ޖުޑީޝަރީގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫންގެ ނިޔަލަށް ގާތް ގަނޑަކަށް 100 އަންހެނުން ވަނީ އެކި ފަންތީގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އައްޔަން ކޮށްފަ އެވެ.