ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ އިއްޔެގެ ބައްދަލުވުން ސިއްރު ކޮށްފައިވަނިކޮށް، އެ ކޮމިޓީއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރު ނަގަން މަޖިލީހުގެ އިދާރާ އިން އަންގާފައިވީ ނަމަވެސް، އެ އިދާރާއަށް ސީދާ ނޫސްތަކަށް މިގޮތަށް އެންގިދާނެކަމަށް ޤަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފިއެވެ.
މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި އިއްޔެ ބުނެފައި ވަނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރި، 241 ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގެ އޯޑިއޯ ކުޑަ ވަގުތުކޮޅަކަށް ލައިވް ކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް، މި އޯޑިއޯ އަޑު އެހުމަށް ބައެއް މީޑިއާތަކުން ކޮމިޓީގައި ދެއްކި ވާހަކަތައް ހިމަނައި، އެ ބައްދަލުވުމަށް ހަވާލާދީ ހަބަރު ލިޔެފައިާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް، 241 ކޮމިޓީއާއި ހަވާލާދީ ޝާއިއު ކޮށްފައިވާ ލިޔުންތައް މީޑިއާ އިން ނެގުމަށް މަޖިލީހުގެ ބަޔާނުގައި އިއްޔެ ވަނީ އެދިފައެވެ.
މިކަމާއިގުޅިގެން އެމްޖޭއިން މިއަދު ބުނީ، މަޖިލީހުގެ 241 ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގެ އޯޑިއޯ މަޖިލީހުގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އާންމުވެ، އެ އޯޑިއޯއާއި ހަވާލާދީ ބައެއް ނޫސްތަކުން ލިޔުން ޚަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއިން އަންގާފައިވާތީ އެކަމާ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށެވެ.
''އެ ޚަބަރު ލިޔުނު ނޫސްތަކުން މި ޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ އޯޑިއޯގެ 50 ވަރަކަށް މިނިޓް ލައިވް ކުރިއިރު، އެއަށް ހަވާލާދީ ޚަބަރުތައް ޝާއިއު ކުރުމުގެ ކުރިން އެ އޯޑިއޯގެ މައްޗަށް ޚަބަރު ނުލިޔުމަށް އިރުޝާދު ދީފައެއް ނުވެއެވެ.'' އެމްޖޭއޭއިން ބުނެފަވެއެވެ.
އެމްޖޭއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލުމުން ސިއްރު ކޮމެޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި، މައުލޫމާތު ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެއްކަން އެނގެން އޮންނަ ކަމަށެވެ.
''އެހެން އެކަން އޮތްއިރު، ނޫސްތަކުގައި ޖެހި އެ ޚަބަރުތައް ނެގުމަށް ސީދާ މަޖިލީހުގެ އިދާރާއަށް ނޫސްތަކަށް އެންގިދާނެކަމަށް މިޖަމިއްޔާއިން ޤަބޫލެއް ނުކުރަމެވެ. އޭގެ ބަދަލުގައި ނޫހެއްގެ ކޮންޓެންޓާމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްނަމަ އެކަމެއް މީޑިއާ ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަކީ މިޖަމިއްޔާއިން ޤަބޫލު ކުރާ ހަމައެވެ.'' އެމްޖޭއޭއިން ބުނެފަވެއެވެ.
ހޯމް މިނިސްޓަރު އިމްރާން އިއްޔެ 241 ކޮމިޓީއަށް ހާޒިރުކުރީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކާ ގުޅޭގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!