ގަވާއިދުގައިވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ފުލުހުން މިގޮތަށް ނިންމާފައި މިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ނެވެ.

Ad
rt

އެގޮތުން މިއަހަރުގެ އޮކްޓޯބަރ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ ކަމަށާއި އެ މުއްދަތުގެ ފަހުން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު” ގެ އަށް ވަނަ މާއްދާ އާއި އެ ގަވާއިދުގެ ނުވަ ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފާހަގަ ކުރެވިގެން އެމިނިސްޓްރީން ވަނީ މިމަހުގެ 19 ވަނަ ދުވަހު އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

އެގަވާއިދުގައި އޮންނަނީ، ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންކަމަށެވެ. މީގެ އިތުރުން ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެ ގޮތް ވެސް ކުރެހުމާ އެކު އެ ގަވާއިދުގައި ހިމަނާފައިވެ އެވެ.

ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ. އަދި ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު، އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް، ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާކަމެކެވެ. ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ. ކުލަތަކާއި ދިއްލޭ އެކި ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.