ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި ޖަލުގައި ހުރެގެން ދަރިފުޅު ޔަތީމުވާން ބޭނުންނުވާ ކަމަށް ބުނެ އިންސާފުން މައްސަލަ ނިންމައިދޭން މަރިޔަމް ނަޒާހާ ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް 2010 ވަނަ އަހަރު ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ނަޒާހާ ސުޕްރީމް ކޯޓުގައި މިއަދު އެގޮތަށް ބުނީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަހު ބަސް ބުނަން ފުރުސަތު ދިނުމުންނެވެ.
ނަޒާހާ ބުނީ ޝާހިދަށް ހަމަލާދެވުނީ ބޭ އިހްތިޔާރުގައި ކަމަށާއި އޭނާ މަރުވުމުން އެކަމާ މެދު އަދިވެސް ހިތާމަކުރާ ކަމަށެވެ. އެކަމަކު އެ ދެ މީހުންގެ ދަރިފުޅު ޔަތީމުވެގެންދާން ބޭނުންނުވާ ކަމަށް ނަޒާހާ ބުންޏެވެ.
"މިކަމުގައި އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމައިދެއްވުން އެދެން،" ޖަލު ހެދުމުގައި ކޯޓަށް ހާޒިރުކޮށްފައި އިން ނަޒާހާ ބުންޏެވެ.
ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު މިއަދު ވެސް ވަނީ އެ ހަމަލާއަކީ ނަޒާހާ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް ވިދާޅުވެ، އެއީ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެއީ ނަޒާހާއަކީ ޝާހިދުގެ ފަރާތުން އެތައް ފަހަރަކު އަނިޔާއާ ކުރިމަތިވެފައިވާ މީހަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ ނަޒާހާ އެ ހަމަލާދިން ގޮތާއި ބޭނުންކުރި ހަތިޔާރަށް ބަލާއިރު އެއީ ނަފްސުގެ ދިފާއުގައި ކުރިކަމެއް ނޫން ކަން އެނގޭ ކަމަށެވެ. އަދި ގަސްދުގައި މީހަކު މަރާލިކަން ނަޒާހާގެ މައްޗަށް ސާބިތުވާ ކަމަށް ބުނެ، ދައުލަތުން އެދުނީ ނަޒާހާގެ ޖަލު ހުކުމް ދަމަހައްޓައިދޭށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަޒާހާގެ ޖަލު ހުކުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!