2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ފުރުޞަތު ރަޝިއާއަށް ނުދޭން ޔެއެފާއިން ނިންމައިފިއެވެ. ވުމާއިއެކު 2024 ވަނަ އަހަރުގެ ޔޫރޯއިން ރަޝިއާ ނުފެންނާނެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިންއަށް އަރައި ހަނގުރާމަ ފެށުމާއި ގުޅިގެން ޔުއެފާއިން ވަނީ ޔުއެފާގެ ހުރިހާ މުބާރާތަކުން ރަޝިއާގެ ކުލަބްތަކާއި ޤައުމީ ޓީމް ސަސްޕެންޑް ކޮށްފައެވެ. މިގޮތުން ރަޝިއާ ޓީމްތައް ސަސްޕެންޑްކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ޔޫރަޕާ ލީގުގެ އިތުރުން ޔުއެފާ ކޮންފަރެންސް ލީގު ހިމެނެއެވެ.

Ad
rt

ރަޝިއާއިން ޔުކްރެއިންއަށް އަރާ ހަނގުރާމަ ފެށިއިރު، މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމުގެ ފުރުޞަތު ރަޝިއާއަށް އޮތެވެ. އޭރު އެ ޓީމް ޕްލޭއޮފަށް ހޮވިފައި އޮތްނަމަވެސް، ހަނގުރާމައާއި ގުޅިގެން ޔުއެފާއިން ރަޝިއާއަށް ޕްލޭއޮފް މެޗުގައި ކުޅުމުގެ ފުރުޞަތު ނުދޭން ނިންމިއެވެ.

ހަނގުރާމައިގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ރަޝިއާއަށް ބޮޑެތި އަދަބުތަކެއް ޔުއެފާއިން ދީފައިވާއިރު، ޔުއެފާއާއި ރަޝިއާގެ ސްޕޮންސަރުންނާއި މެދު އޮތް ޑީލްތައް ވެސް ވަނީ ނިމިގެން ގޮސްފައެވެ.