ޕަލަސްތީނުގައި ހަރަކާތްތެރިވި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭ ގަޔަށް ބަޑިޖަހައި އިސްރާއީލުން އޭނާ މަރާލީ ގަސްދުގައިކަން ހާމަ ވެއްޖެ އެވެ.

ޝީރީނަށް ހަމަލާދީ މަރާލީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕެއް ކަަމަށްވާ ޖެނިން ކައިރީގައި އެވެ. އޭނާ އަކީ އަލްޖަޒީރާގައި މަސައްކަތް ކުރާތާ 25 އަހަރުވެފައިވާ ނޫސްވެރިއެކެވެ.

Ad
rt

ފަލަސްތީނުގެ ރައިޓްސް ގްރޫޕް، އަލް ހައްގާއި އިނގިރޭސިވިލާތުގެ މަލްޓީ ޑިސިޕްލިނަރީ ރިސާޗް ގްރޫޕު ގުޅިގެން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އާންމު ކުރި މައުލޫމާތު ތަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޝީރީން ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖެހީ އޮޅިގެން ނޫން ކަމަށެވެ. ތަހުގީގުން އެނގުނު ގޮތުގައި އޭނާ މަރާލީ ގަސްދުގައި ރާވައިގެންނެވެ.

"ފަލަސްތީނުގެ އަޑު" ގެ ނަމުން މަޝްހޫރު ޝީރީން ގަޔަށް ބަޑިޖެހި އިސްރާއީލް ސިފައިންގެ ސްނައިޕަރު ޝީރީން ހުރި ސަރަހައްދަށް ބަޑި އަމާޒު ކުރި އިރުވެސް އެ ތަނުގައި ތިބީ ނޫސްވެރިންކަން އެނގޭ ކަމަށް ބުނެފައިވެ އެވެ. އެމީހުން ހޯދި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އެ ސްނައިޕަރު ވަނީ ޝީރީންގެ ގަޔަށާއި އޭނާ ހުރި ސަރަހައްދަށް ދެ މިނެޓު ވަންދަން ބަޑި ޖަހާފަ އެވެ.

އެ ސަރަހައްދުގައި ޝީރީން އާއި އެކު މަސައްކަތް ކުރި އެހެން ނޫސްވެރިން އޭނާއަށް އެހީވާން ދިޔަ ނުދިނުމުގެ ގޮތުން ދުއްވައިގަންނަ ކޮންމެ ނޫސްވެރިއަކާއި ދިމާލަށް ބިރު ގެންނެވުމުގެ ގޮތުންވެސް ބަޑި ޖެހި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ޝިރީނަށް އަމާޒުކޮށް ދެވުނު ހަމަލާތަކުގެ ތެރެއިން އޭނާ ގަޔަށް އަރާފައިވަނީ ތިން ވަނަ ފަހަރު ފޮނުވާލި ވަޒަންތަކުގެ ތެރެއިން ވަޒަނެކެވެ.

މި މައްސަލައިގަ ޝީރީންގެ އާއިލާއިން ވަނީ އޭނާގެ މަރަށް އިންސާފު ހޯދައި ދިނުމަށް އެދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ޝަކުވާ ހުށަހަޅާފައި އެވެ. އާއިލާއިން މި މައްސަލަ ހުށަހެޅީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް އާއި ޕަލެސްޓީނިއަން ޕްރެސް ސިންޑިކޭޓްގެ އެހީތެރިކަމާއި އެކު އެވެ.

ޝިރީން މަރާލީ ގަސްދުގައި ކަމަށް އިސްރާއީލުން އެއްބަހެއް ނުވެ އެވެ. މިމަހުގެ ކުރީ ކޮޅު އެ ގައުމުން ބުނީ ޝީރީން މަރުވީ އިސްރާއީލް ސިފައިން އަތުން ކަމަށް "ވެދާނެ" ކަމަށާއި އެކަމަކު އެކަން ތަހުގީގު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.